މައުމޫން ޕީޖީގެ މަގާމަށް ގެނައުމަށް ހުރަސްއެޅޭފަދަ ގޮތަކަށް އަމަލުކުރި މެންބަރުން ޖަވާބުދާރީ ވާން ޖެހޭނެ – ރައީސް މައުމޫން

ޕީޖީގެ މަގާމަށް ގެންނަން ބޭނުންވަނީ މައުމޫން ޙަމީދު ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށް އެމަކަށް ހުރަސް އެޅޭ ގޮތަކަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެންބަރުން އަމަލު ކުރެއްވުމަކީ ކޮމެޓީގައި ހިމެނިވަޑައިގަންވާ މެންބަރުން ޖަވާބުދާރިވެ ވަޑައިގަންނަވާން ޖެހޭނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސަައިން މަނިކަށް މިދިޔަ އާދިއްތަދުވަހު ފޮނުއްވި ސިޓީ ފުޅެއްގައެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިސިޓީގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައުމޫނާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް މުހުސިންއާ އިންޓަވިއުކުރުމަށް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ ކޮމިޓީތައް ހިންގުމުގެ ގަވާއިދާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މިނިވަން މުއައްސާތަކާއި ބެހޭ ކޮމެޓީގެ މުގަައްރިރު އަމަލުކުރަށްވާފައި ވަނީ "އަޝްރާއީ" ގޮތަކަށް ކަމަށެވެ.
މިނިވަން މުއައްސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރަކީ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް އެވެ.
ރައީސް މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ކޮމިޓީން ފާސްނުކޮށް މައުމޫނާއި މުހުތާޒް ހާޒިރުކުރުމާއި މާކްސް ދޭނެ މިންގަނޑު ފާސްކޮށްފައި ނުވުމާއި މާކްސް ޝީޓުތައް މެމްބަރުންގެ ހާޒިރުގައި ޓެލީކޮށްފައި ނުވާކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް މައުމޫން ވަނީ މުހުތާޒަށް ޕީޖީ ކަމަށް ކުރިމަތިލެއްވި ދާނެ ކަމާ މެދު ވެސް ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މުޖުތާޒަށް ޕީޖީގެ މަގާމަށް ކުރިމަތި ނުލެއްވޭނެ ކަމަށް މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ބުރާސްފަތިދުވަހުގެ ރޭގެ ބައްދަލުވުމުގައި ސުވާލު އުފެއްދެވި ނަމަވެސް އެ ކަމަަށް މުގައްރިރު ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ.
"އެހެންކަމުން، ޕްރޮސެކިއުޓަ ޖެނެރަލް ހޮވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ދިޔުމުގެ ކުރިން، މި ސިޓީގައި ދަންނަވާފައިވާ ކަންތައްތައް މަނިކުފާނު ރަނގަޅަށް ބައްލަވާފައި އެ ކަންކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ބަޔާނެއް އަޅުގަނޑަށް ފޮނުއްވައިދެއްވުން އެދެމެވެ،" ނިހާން އަށް ރައީސް މައުމޫން ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.
ޕީޖީގެ މަގާމަށް އަށްޔަން ކުރަން ފެނޭތޯ ބެލުމަށް މިނިވަން މުއައްސަތަކާއި ބެހޭ ކޮމެޓީއަށް ފޮނުއްވެވި މުޖުތާޒާއި މައުމޫން އާއި ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު ޕީޖީގެ މަގާމަށް އަށްޔަން ކުރަން ކޮމެޓީ އިން ފާސް ވެފައެއް ނުވެއެވެ. އެދެބޭފުޅުންގެ ނަންފުޅާއި މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ. ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި ޕީޖީގެ މަގާމަށް ބޭފުޅަކު އަށްޔަން ކުރުމާއި މެދު މަޖިލީހުން ގޮތެއް ނިންމަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ