ކޯޓުތަކާއި ފަނޑިޔާރުންނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން ދޮގުވާހަކަތައް ނުފެތުރުމަށް ސުޕްރީމް ކޯޓުން އިލްތިމާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޯޓުތަކާއި ފަނޑިޔާރުންނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭގޮތަށް އަދި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް، އެއްވެސް އަސާސެއްނެތް ދޮގުވާހަކަތައް ފަތުރައިގެން ފަނޑިޔާރުންގެ އަބުރު ކަތިލައި ފަނޑިޔާރުންނަށް ބިރު ދެއްކުމާއި، ރައްޔިތުން ކޯޓުތަކަށްކުރާ އިތުބާރާއި އިހުތިރާމު ކަނޑުވާލުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކަކީ، ގާނޫނުއަސާސީއާއި، އިސްލާމީ ޝަރީއަތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ އިންތަކުގެ ބޭރުން، އަދި ބައިނަލްއަގްވާމީ އެކިއެކި އިންސްޓުރޫމަންޓްތަކުގައި ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމުގެ މަބްދައުގެ އުސޫލްތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއްކަމަށެވެ.
އެހެންކަމުން އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށާއި އަދި އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.
މިދިއަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި ނިމިދިޔަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޖުޑިޝަރީ އިސްލާހު ކުރާނެ ކަމަށް އެމްޑީޕީން ބުނަމުންދަނިކޮށް، އެދެ އިންތިހާބުވެސް އެމްޑީޕީއަށް ރައްޔިތުން އާބަސް ބުނެ، އެމްޑީޕީއާއި ސަރުކާރުން ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަނިކޮށް، ސުޕްރީމް ކޯޓުން ރޭގައި ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ "މަގު ޗާޓެއް" އިފްތިތާހު ކޮށްފަ އެވެ.
ރޭ އާންމުކުރި މަގުޗާޓު އިފްތިތާހު ކޮށްދެއްވަމުން، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ، "ޝަރުއީ ދާއިރާ ތަރައްގީކޮށް އިސްލާހު ކުރުމަށް ލިބޭ އެންމެ ފަހި އަދި އެންމެ އަގުހުރި ފުރުސަތަކީ" ރޭ ނެރުނު މަގުޗާޓުކަމަށެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާއާމެދު ދިވެހި ގިނަ ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވަމުން ދާއިރު، ޝަރުއީ ދާއިރާ އިސްލާހު ކުރާ ވާހަކައަކީ އަބަދުވެސް ސިޔާސީ ބޭފުޅުން ދައްކަމުން އަންނަ ވާހަކަ އެކެވެ.
ފަނޑިޔާރުންގެ އަބުރު ކަތިލަން މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރަން: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ