"އިބޫ ކީއްވެތޯ ތައުލީމީ ދާއިރާގެ ވާހަކަ ނުދައްކަވަނީ؟"

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަންތައްތަކުގެ ވާހަކަ ދައްކަވާއިރު ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާއަށް އިހުމާލު ވެފައި ވަނީ ކީއްވެތޯ ރައީސުލް ޖުމުހޫރިއްޔާ ސުވާލު އުފައްދަވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން ފ. ނިލަންދޫގައި ދެއްކެވި ވާހަކަފުޅުގައި އިބޫ ސޯލިހާއި އިދިކޮޅު ފަރާތްތަކަށް އަނެއްކާވެސް ފާޑުކިޔުންތައް އަމާޒު ކުރައްވާފައިވާއިރު އެމަނިކުފާނު ވަނީ އިއްތިހާދުގެ ވެރިކަމެއްގައި ތައުލީމީ ދާއިރާއަށާއި ސިއްހީ ދާއިރާއަށް އެއްވެސް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުނުވާކަން ފާހަގަކޮށްފައެވެ.
ހަމައެކަނި ނަރުދަމާގެ ވާހަކައާއި ބަނދަރުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި ރައްޔިތުންނަށް ތައުލީމާއި ދުޅަހެޔޮ ސިއްހަތު މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ. އެބޭފުޅުންގެ ތަސައްވަރުގައި، އިދިކޮޅުން ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅުންގެ ތަސައްވަރުގައި ތައުލީމީ ދާއިރާގެ ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ؟ އެ ދާއިރާގެ ހިޔާލު ނެތީތޯ؟ ދިވެހި ޒުވާނުންނަށް ތަރުބީއަތުގެ ތެރެއިން ތައުލީމަކީ މުހިންމު އެއްޗަކަށް ނުވަނީތޯ؟"
ރައީސް ޔާމީން ވަނީ މިއަދުގެ ޖީލުގައި ފުރިހަމަ ތަރުބިއްޔަތެއް ލިބިފައިތިބި ދިވެހި ދަރީން މަދު ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމަށް ހަރުދަނާ ތައުލީމީ ނިޒާމެއް އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވި ނަމަވެސް އިބޫ ވަނީ އިއްތިހާދުގެ ވެރިކަމެއްގައި އަނެއްކާވެސް ވަށާ ޖެހޭ ތައުލީމީ ނިޒާމެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ