މުސްލިމް ބްރަދަހުޑްގެ 683 ސަޕޯޓަރުން މެރުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފި

މިސްރު ސިފައިން ކުރި ބަޣާވާތެއްގައި ވެރިކަމުން ދުރުކޮށްފައިވާ އެގައުމުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ އަށް ތާއީދުކުރާ 683 މީހަކު މެރުމަށް އެގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
މިސްރުގައި މިހާރު މަނާކޮށްފައިވާ މުސްލިމް ބްރަދަހުޑް ޕާޓީ އަށް ނިސްބަތްވާ އެ 683 މީހުންގެ އިތުރުން އެޕާޓީގެ ލީޑަރު މުހައްމަދު ބާދިއު މެރުމަށް ވެސް ހުކުމްކޮށްފައިވާ ކަމަށް ތުރުކީގެ ހުއްރިޔަތު ޑެއިލީ ބުންޏެވެ.
އިސްފަނޑިޔާރެއްގެ ގޮތުގައި ސައީދު ޔޫސުފް ސަބްރީ އިންނަވާ އެކޯޓުން މިދިޔަ މާޗު މަހު ހުކުމްކޮށްފައިވާ 529 މީހެއްގެ ހުކުމް މިއަދު ވަނީ ބަދަލު ވެސްކޮށްފަ އެވެ. އެގޮތުން އޭގެ ތެރެއިން ގިނަ މީހުން މެރުމުގެ ބަދަލުގައި އުމުރަށް ޖަލަށް ލާ ގޮތަށް ހުކުމް ވަނީ ބަދަލުކޮށްފަ އެވެ.
މިއަދު މެރުމަށް ހުކުމްކުރި 683 މީހުންގެ ތެރެއިން ބަންދުގައި ތިބީ އެންމެ 50 މީހުންނެވެ. ދެން ތިބި މީހުން ތިބީ ވީއްލިފަ އެވެ.
މިއަދު މަރުގެ ހުކުމް އިއްވި މީހުންނަށް އެ ހުކުމް އިއްވީ މިންޔާ ނަމަކަށް ކިޔާ ރަށުގައި ފުލުހަކު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ