ތިނަދޫ ރައްޔިތުން ތިބީ ރައީސް ދެވަނަ ދައުރަކަށް ހޮވަން ތައްޔާރަށް: ޖިހާދު

ގދ. ތިނަދޫ ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެވަނަ ދައުރަކަށް އިންތިޚާބުކުރަން ތައްޔާރަށް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ތިނަދޫގައި ހޮނިހިރު ދުވަހު ހަވީރު ބޭއްވި ޒުވާނުންގެ ހިނގާލުމަށްފަހު މީޑިއާއަށް މައުލޫމަތު ދެއްވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ ތިނަދޫ އަކީ މި ސަރުކާރުން އެންމެ ގިނަ މަޝްރޫއުތައް ހިންގުނު އެއް ރަށް ކަމަށާއި ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ އެރަށު ރައްޔިތުން ބަލައިގަންނަ ކަމަށެވެ.
"އާދެ. ތިނަދޫ އަކީ ރައީސް ޔާމީންގެ ސަރުކާރުން އެންމެ ގިނަ މަޝްރޫއުތައް ހިންގި އެއްރަށް. އެކަމުން ދޭހަވެގެންދަނީ ރައީސް ޔާމިންގެ ހިތްޕުޅުގައި ތިނަދޫއާ މެދު އޮތް ހާއްސަ ލޯބި،" ޖިހާދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތިނަދޫއަކީ ތަރައްގީއަށް ލޯބި ކުރާ ހޭލުންތެރި އަދި ތައުލީމީ ބަޔަކު ދިރިއުޅޭ ރަށެއްކަމަށާއި އެ ރަށުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކު ކަމަށެވެ.
ވޭތުވެދިޔަ ސަރުކާރުތަކުން އެތައް އަހަރެން ވަންދެން ކޮށްދިން ކަންތައްތަކާއި ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ޒައާމަތުގައި ކޮށްދެއްވި ކަންތައްތައް ނުބައްދަލު ކަމަށް ވިދާޅުވެ ނައިބްރައީސް ޖިހާދު ވިދާޅުވީ ސަރުކާރުން 47 މަޝްރޫއުއެއް ތިނަދޫގައި ހިންގިއިރު އެއިން ކޮންމެ މަޝްރޫއުއަކީވެސް ތިނަދޫގެ ކުރިމަގާ ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ.
ތިނަދޫގައި ކުރިއަށްދިޔަ އެ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ހިނގާލުމަށްފަހު ވަނީ އެރަށުގައި ގަސް އިންދުމުގެ ހަރާކާތެއް ވެސް ކުރިއަށްގެންގޮސްފައިވާއިރު, މިރޭ ވަނީ ތިނަދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި ރައީސް ޔަމީނަށް ކެމްޕެއިން ޖަގަހައެއް ވެސް ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ