ދެވަނަ ދައުރަކަށް ކީއްކުރަން، ތިންވަނަ ދައުރަކަަށްވެސް ބޭނުމީ ރައީސް ޔާމީން : މުލަކަތޮޅު ރައްޔިތުން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ދިވެހިރާއްޖޭގެ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން މުލަކައަތޮޅުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު ވަޑައިގަތުމަކީ، ނަސީބެއް ކަމަށް މުލަކަތޮޅު ރައްޔިތުން ބުނެއެވެ. މުލަކަތޮޅު މުއްޔަށް ފޭބުމުން ފެނިގެން ދިޔައީ ގައުމީ ދިދަ ބޭނުންކޮށްގެން ރަށުތެރެ ޒީނަތްތެރި ކޮށްފައިވާ މަންޒަރެވެ. ރައްޔިތުންގެ މޫނު މަތިން ފެނިގެން ދިޔައީ ހިތްހަމަޖެހުމާ އުފާވެރިކަމެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެރަަށަށް ވަޑައިގަންނަވާތީ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކާ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވަމުން އައި މަންޒަރު ފެނިގެންދިޔައެވެ. ކުޑަކުދިންނާއި، ޒުވާނުންނާއި، މެދު އުމުރުގެ މީހުންނާއި ދޮށީ އުމުރުގެ މީހުންވެސް ތިބީ ނުހަނު ޖޯޝާއި ފޯރީގައި ރައީސް ޔާމީންއަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެގެންނެވެ. ފެންނަ ފެނުމަށް ހީވީ މުލަކުއަތޮޅުގެ ރައްޔިތުންނަށް އީދެއް އައިސްގެން އުޅޭހެންނެވެ. ގައުމީ ވަންތަ ހެދުމުގައި ކުޑަ ކުދިން ހެދުން އަޅައިގެން ތިބި އިރު، އެ ކުދިންގެ މޫނު މަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ރައީސް ޔާމީން ގެނެސްދެއްވި ވަރުގެ ތަރައްޤީއެއް އަދި މީގެ ކުރީގެ އެއްވެސް ރައީސަކު އެ އަތޮޅަށް ގެނެސްދެއްވާފައެއް ނުވެއެވެ. ރައީސް ޔާމީންގެ ޒައާމަތުގައި އެ އަތޮޅުގައި 51 ޕްރޮޖެކްޓް ހިންގާފައިވާއިރު، މި ޕްރޮޖެކްޓްތަކުގެ އަގު 670 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ. މުލަކަތޮޅުގެ 8 ރަށުގައި މީހުން ދިރިއުޅޭއިރު، އެ ރަށްތަކުގެ ޖުމްލަ އާބާދީ ހަތަރު ހާހަށް ވުރެ ގިނައެވެ. ބޮޑު އާބާދީއެއް އޮންނަ މުލަކަތޮޅުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ. އަދި އެއަތޮޅުގެ ރައްޔިތުން ވަނީ މި ތަރައްޤީ ބަލައިގެންފައެވެ.ރައީސް ޔާމީންއަށް މަރުހަބާ ދެންނެވުމަށްޓަކާ މުލަކުގެ ބަނދަރު ސަރަހައްދަށް ޖަމާވެފައިވާ ބައެއް ރައްޔިތުންނާއި ސުވާލު ކޮށްލީމެވެ. ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމާމެދު އެ ރައްޔިތުން ދެކޭ ގޮތް ސާފުކޮށްލުމަށްޓަކައެވެ. އެންމެ ފުރަތަމަ ސުވާލު ކޮށްލީ، އެރަށު ހުރިޔާ ރައްޔިތުން ވެސް އެމީހަކަށް ދޮންތާއޭ ކިޔާ ރައްޔިތަކާއެވެ. ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ބޭނުންވޭތޯ ސުވާލުކުރުމުން ބުނީ، ދެވަނަ ދައުރަކަށް ކީއް ކުރަންތޯއޭ، ތިންވަނަ ދައުރަކަށްވެސް ބޭނުމީ ހަމަ ރައީސް ޔާމީން ކަމަށެވެ. މީގެ ކުރިން އެތައް ވެރިންނެއް ވެރިކަން ކުރި މަންޒަރު ފެނުނު ކަމަށާއި، އެހެން ނަމަވެސް ރައީސް ޔާމީން ވަރުގެ ކުޅަދާނަ ވެރިއަކު ނާންނަ ކަމަށް އޭނާ ބުންޏެވެ. މުލަކަތޮޅުގެ ރަށްތަކަށް ބޭނުންނާ އަސާސީ ޚިދުމަށްތައްތައް ފަހިކޮށްދިނުމަށްޓަކާ ރައީސް ޔާމީން ކުރައްވަމުން އަންނަ މަސައްކަތް އޭނާ ވަނީ ފާހަގަކޮށްފައެވެ. ރައްޔިތުންނަށް ބޭނުންނާ ޚިދުމަތްތައް ފޯރުކޮށްދެވޭނީ ރައްޔިތުންގެ ހާލުވެސް ވަރަށް ގާތުން ބައްލަވައިގެންނެވެ. ރައީސް ޔާމީން އަކީ މިކަމުންވެސް އެއްވަނައިގެ ވެރިއެއްކަން މީމު އަތޮޅުގެ ރައްޔިތުން ޤަބޫލްކުރެއެވެ. މުލަކު ދާއިރާގެ މެންބަރަކަށް ހުންނެވުމަށްފަހު، ދިވެހިރާއްޖޭގެ ރައީސްކަމަށް ރައީސް ޔާމީން ވަޑައިގަތުމަކީ، މުލަކަތޮޅުގެ ރައްޔިތުންގެ ނަސީބު ކަމަށް އެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.ރައީސް ޔާމީން އަކީ ތަރައްޤީގެ ބާނީއޭ ބުނާ އަޑު އަޅުގަނޑުމެން އެންމެންވެސް އަހަމުއެވެ. އެމަނިކުފާނު ދިވެހިރާއްޖެއަށް ގެނެސްދެއްވަމުން އަންނަ ތަރައްޤީ ކޮންމެ ރައްޔިތަކުވެސް ބަލައިގަނެއެވެ. އެމަނިކުފާނު ގެނެސްދެއްވާ ތަރައްޤީގެ ސަބަބުން ދިރިއުޅުމުގައި ބޮޑެތި ފަސޭހަތަކެއް ވަމުން އަންނަކަމީ އިދިކޮޅު ފަރާތްތަކުންވެސް ޤަބޫލްކުރާނެ ހަޤީޤަތެކެވެ. ރައީސް ޔާމީން އަކީ ރައްޔިތުންގެ މުސްތަޤްބަލް ކަމަށް މުލަކަތޮޅުގެ ރައްޔިތުން ވަނީ ބުނެފައެވެ. މިފަހުން ދިވެހިރާއްޖެ ދުށް ތިން ސަރުކާރަކާ މުލަކަތޮޅުގެ ރައްޔިތުން ވަނީ އަޅާކިޔާފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދައުރުގައި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގާނެ ކަމަށް ބުނެ އެ އަތޮޅުގެ ރައްޔިތުންނަށް ކަޑަ ޖެއްސެވި މަންޒަރު ދެއްކިކަން އެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އަދި ތިރީސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައިރުވެސް އެ ކަޑަތަކުގައި ކުލަ ނުޖެހުނުކަމަށާއި، އެންމެ ކުޑަމިނުން ރަށެއްގެ ބަނދަރުވެސް ހައްދަވާނުދެވުނު ކަމަށް ރައްޔިތުން ވަނީ ފާހަގަ ކޮށްފައެވެ. ދެން ވެރިކަމާއި ހަވާލުވެވަޑައިގަތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރެވެ. ނަޝީދުގެ ޒައާމަތުގައި މުލަކަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވަނީ އެންމެ 3 ލައްކަ ރުފިޔާއެވެ. ނަމަވެސް ރައީސް ޔާމީންގެ ޒައާމަތުގައި މުލަކުގެ ތަރައްޤީއަށް 111 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ރައްޔިތުންނާއި ޤައުމުގެ ތަރައްޤީއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުންނަށް ބޭނުންވާ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވަނީ ފަހިކޮށްދެއްވާފައެވެ. އަދި ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށްޓަކާ ގިނަ އަސާސީ ޚިދުމަތްތައް ވެސް އެމަނިކުފާނު އަންނަނީ ކަށަވަރުކޮށްދެއްވަމުންނެވެ. ރައީސް ޔާމީން ވަނީ ދިވެހިރައްޔިތުން ތަރައްޤީއާމެދު ދެކެމުން އައި އުންމީދު އާ ކޮށްދެއްވާފައެވެ. ދިވެހިރާއްޖޭގެ ވެރިކަން ކޮށްފައިވާ އެހެން ވެރިންނާ ހިލާފަށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކަށާއި އެއްކޮޅު ފަރާތްތަކާއި ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތި އެކި ކަންތައްތައް ކޮށްދެއްވުމުގެ ނަތީޖާއަކަށްވީ ރައްޔިތުންނަށް އާ އުންމީދެއް ލިބުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ