"ތިޔަ އެއާޕޯޓަށް ފްލައިޓެއް ޖައްސާތަން ފެނުނު ދުވަހަކުން ނޫނީ އަހަރެން ގަބޫލެއް ނުކުރާނަން އެޅޭނެ އެކޭ!" އެއާޕޯޓާއި މެދު ދެކޭ ގޮތަކީ ކޮބައިތޯ އަހާލުމުން ކުޅުދުއްފުށީގެ ޒުވާނަކު ބުނީ މިހެންނެވެ. އެކަމަކު ކެމަރާގެ ކުރިމަތީގައ ނުވަތަ އަޑު ރެކޯޑް ކުރާ ގޮތަށް ނަމަަވެސް އެވާހަކަ ބުނާކަށް ބޭނުމެއް ނުވި އެވެ. އޭނާގެ ޝައްކު ހަމަ ބޮޑީ އެވެ. މިއީ ކުޅުދުއްފުށި އެއާޕޯޓާއި މެދު ކުރެވޭ އުއްމީދަކީ ކޮބައިތޯ ސުވާލު ކުރުމުން ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ދިން ޖަވާބެވެ.
"ކަލޭމެން ބަލަން ތިއްބާ އެއޮތް ކުޅި ހަލާކުކޮށްލަނީ. ތިޔައީ ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަން ތިބި މީހުން" ކުޅި ހިއްކައިގެން އެއާޕޯޓު އަޅާތީ، ހިތް ހަމަނުޖެހިގެން އައި ޒުވާނަކު ރަށު ކައުންސިލަރެއްގެ ގާތުގައި ބުނާތީ އިވުނެވެ.
ކައުންސިލަރު ދިނީ ވަރަށް ސާދާ ޖަވާބެކެވެ. އޭނާ ބުނީ ކައުންސިލަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ސަރުކާރަށް ފެންނަ ގޮތަކަށް ކަން ކުރާނެ ކަމަށާއި އެކަމާއި ކައުންސިލުން ބެހެން ވެއްޖެނަމަ، އެއާޕޯޓު އެޅުމުގެ މަޝްރޫއު ސަރުކާރުން ހުއްޓާލާނެ ކަމަށެވެ. އެހެން ވެއްޖެނަމަ ރަށުގެ ތަރައްގީއަށް ކައުންސިލުން ހުރަސް އަޅަނީ ކަމުގެ ހުތުރު ބަދުނާމު ލިބުން ނޫން ކަމެއް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ ތެރެއިން ކުޅިހިއްކުމާއި މެދު ނުރުހޭ މީހުންވެސް ދެލޯ މަރާލައިގެން އަތްޖަހަން ތިބީ މިހެންވެ އެވެ.
އެއާޕޯޓު އެޅުމަށް ކުޅި ހިއްކުމާއި މެދު ހިތްހަމަ ނުޖެހޭ އެތައް ބަޔަކު ކުޅުދުއްފުށީގައި އެބަތިއްބެވެ. އެކަމަކު އެވާހަކަ ދައްކާކަށް އެމީހުން ބޭނުމެއް ނުވި އެވެ. އެމީހުންވެސް އެވާހަކަ ނުދައްކައި ތިބީ ކޮންމެ ހާލެއްގައިވެސް ރަށުގައި އެއާޕޯޓު އެޅުމަށް އެމީހުން ބޭނުންވާތީ އެވެ. ކުޅިއަށް ވެލިއަޅަން ބަންޑް ވޯލް ޖަހަން ފެށުމުން، ކުޅި ދެކިލަން ނުދާތާ އެތައް އަހަރެއްވީ މީހުންވެސް އެތަނަށް ދިޔަ އެވެ. ފޮޓޯ އާއި ވީޑިއޯ ނެގި އެވެ. ކުޅީގެ ހިތްގައިމު މާހައުލާއި ވަދާއު ކުރި މަންޒަރު ފެނުނެވެ.
ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ވައުދުވެވަޑައިގެންނެވިތާ، ބަރާބަރު ހަތަރު އަހަރު ފަހުން ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެން، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ އެވަނީ ފައްޓަވައި ދެއްވާފަ އެވެ.
އެމްޓީސީސީގެ މަހާޖައްރާފުން ކުޅުދުއްފުށީ ފަޅަށް ވެލިތައް އޮއްސާލަން ފަށައިފި އެވެ. އެމަސައްކަތް ހިނގާނެ ގޮތާއި ނިމޭނެ މުއްދަތު ސަރުކާރުގެ އިސްވެރިންގެ ދޫތަކުން ކުޅުދުއްފުށީ ރައްޔިތުންނަށް އިއްވާލައިފި އެވެ.
"އަންނަ އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓަށް ބޯޓުޖައްސައި އުދުއްސާތަން ފެނިގެންދާނެ" ކުޅުދުއްފުށީ އެއާޕޯޓު މަޝްރޫއާއި ގުޅިގެން އެރަށު ފަސްގަނޑުގައި ޕީޕީއެމުން ބޭއްވި އުދުހޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ 14 ވަރަކަށް ހެކްޓަރުގެ ބިން އެއްމަސް ދުވަހުގެ ތެރޭގައި ހިއްކައި ނިންމާލެވޭނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަށް ބިން ހިއްކައި ފަސްގަނޑު ހަރުވުމުން ރަންވޭ އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ ހިތުގައި އޮތް ޝައްކުތައް ފިލުވައި ދެއްވުމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ ދެކުނު ދާއިރާ ތަމްސީލް ކުރައްވާ މުހައްމަދު ނަޝީދެވެ.
ނަޝީދު ވިދާޅުވީ ކުޅި ހިއްކާލުމާއި ހަމައިން މަޝްރޫއު ހުއްޓިދާނެ ކަމަށް ރައްޔިތުން ދެކޭ ކަމަށާއި، އެހެންކަމުން މިމަސައްކަތް ނުހުއްޓި ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ ރައްޔިތުން ދެކޭ ގޮތް ބަދަލު ވެގެން ދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ނަޝީދުވެސް ވިދާޅުވީ އެއާޕޯޓު އެޅުމާއި ދެކޮޅު ރައްޔިތަކު ކުޅުދުއްފުށީގައި ނެތް ކަމަށެވެ. އެކަމަކު ހިޔާލު ތަފާތުވުންތައް ހުރުމާއި އެކު އެކަން ފާހަގަކުރެއްވި އެވެ. ނަޝީދު ވިދާޅުވީ ކުޅި ހިއްކައިގެން އެއާޕޯޓު އެޅަންޖެހެނީ ފަންނީ ފަރާތްތަކާއި ތަޖުރިބާކާރުންގެ ލަފަޔާއި އެކުގައި ކަމަށާއި އެކަމާއި މެދު ކުރެވުނު މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
"ވަރަށް ގިނަ ދިރާސާތައް ކުރައްވައިގެން ކުޅީގައި ނޫން ގޮތަކަށް އެޅެން ނެތީމަ އެކަން އެގޮތަށް އެ ކުރައްވަނީ. އެއާޕޯޓް ކޮންމެ ގޮތެއް ވިޔަސް އެބަ ބޭނުންވޭ، އެއަށް ދެކޮޅު ހަދާ މީހެއް އަޅުގަނޑާ ދިމަލެއް ނުވޭ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެދިވަޑައިގަތުމަށް އުދުހޭ ޖަލްސާގައި ޖަވާބު ދެއްވީ ސީދާ ރައީސް ޔާމީނެވެ. އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު އެޅުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާނެ ކަމަށެވެ. އަދި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި މިމަޟްރޫއުގެ ފައިސާ ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މަސައްކަތުގެ ހަލުވިމިން އޮތީ އަޅުގަނޑުމެން އަންދާޒާ ކުރާ ގޮތުގައި އޯގަސްޓް މަހުގެ ތެރޭގައި ކުޅުދުއްފުށީ ރައްޔިތުންނަށް މި ފަސޭހަތައް ލިބިގެންދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޝައްކުތަކާއި ހިތްހަމަ ނުޖެހުންތައް ހުއްޓަސް ރައްޔިތުން ތިބީ އެކަން ހިންދާލައިގެންނެވެ. ކަން ހިނގާ ގޮތާއި، ކުޅި ބަލާށެވެ.
"އެއާޕޯޓު އެޅުމަށް ހުރަސް އެޅޭ ވާހަކައެއް މަށެއް ނުދައްކާނަން. އެއާޕޯޓުގެ ސަރަހައްދަށް އަރާތީ އަޅުގަނޑުގެ ގެ ނަގަންޖެހެންޏާވެސް މިހިރީ ހަމައެކަމަށް ރުހިގެން. އެކަމަކު އެކަށީގެންވާ ބަދަލެއް ލިބުން އެދޭނަން" އެއާޕޯޓުގެ ސަރަހައްދަށް އަރާތީ، ނަގާ 18 ގޭގެ ތެރެއިން ގެއެއްގެ ވެރިޔަކު ބުންޏެވެ.
ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުނު ނަމަވެސް އެމަޝްރޫއު ކުރިއަށްގޮސް އަވަހަށް ނިމިދާނެ ކަމާއި މެދު ރައްޔިތުން ޝައްކު ކުރާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މަގުތައް ހެދުމުގެ މަސައްކަތް ފެށިތާ އެތައް އަހަރެއްވީ އިރުވެސް ނުނިމުމާއި، ރޯހައުސްތައް އެޅުމުގެ މަޝްރޫއުވެސް ކުރިއަށް ނުގޮސް އޮތުމާއި، ނުނިމި ހުރި މިސްކިތްތައް އޭގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން ދެ ފަރާތަކަށް އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްގެންވެސް ކުރިއަށް ނުދިޔުމާއި، އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރާނީ ކޮންބައެއްކަމާއި ބަޖެޓުގެ އަދަދަކީ ކޮބައިކަންވެސް އަދި އޮތީ ނޭނގިއެވެ. މިހުންނަނީ ރައްޔިތުންގެ ޝައްކުތައް އިތުރުވާ ސަބަބުތަކެވެ.
އަދިވެސް ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ޝައްކެއްގެ މަތީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ