މިއަހަރު ނިމޭ އިރު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީޕީއެމް ވެގެންދާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އައްޑޫ މެންބަރު ފަރާތުން ޕާޓީގެ މެންބަރުންނަށް ދިން ފަރިއްކޮޅެއް ގައި ބައިވެރިވެ ވަޑައިގެން ގިޔާސުއްދީނުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އެ ޕާޓީގެ ހަރަކާތްތައް އަތޮޅުތެރޭގަ ކުރިއަށް ގެންދިއުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމާށާއި ވަރަށް އަވަހަށް އެޕާޓީގެ މެންބަރުންގެ އަދަދު 30000 އަށް އަރާނެ ކަމަށެވެ. އަދި މިއަހަރު ނިމޭ އިރު އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ މީހުން ގިނަ އެއް ޕާޓީއަށް ވެގެން ދާނެ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
"ޕީޕީއެމަށް ވަންނަން ބޭނުންވާ ފަރާތްތައް އެކި އަތޮޅުތަކުގައި އެބަތިބި. އަޅުގަނޑު މެންނަށް ޖެހެނީ އެ އަތޮޅުތަކަށް ޒިޔާރަތްކޮށް އެ ފޯމްތަކާ ހަވާލުވާން. އެހެންވީމަ ކުރިއަށް އޮތް ތާގައި އެ ދަތުރުތައް ރާވައިގެން ކުރިއަށް ގެންދާނަން. އޭގެ ސަބަބުން އަޅުގަނޑު އުއްމީދު ކުރާ ގޮތުގައި ޕީޕީއެމްގެ މެންބަރުންގެ އަދަދު 30000 އަރާނެ. އަދި އިރާދަކުރެއްވިއްޔާ ހުރިހާ ބޭފުޅުންގެ މަސައްކަތުން ހިތްވަރާއި އަޒުމާއި އެކީގައި މިއަހަރު ނިމޭއިރު ޕީޕީއެމް ވާނީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށް،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމަށް މެންބަރުން އިތުރުކުރުމަށް މިހާރު އަތޮޅުތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން އައްޑު އަތޮޅަށް ވަރަށް ހާއްސަ ދަތުރެއް ކުރަން ހަމަޖެހިފައިވާ ކަމަށާއި މިއަންނަ ހަފުތާގެ ތެރޭގައި ކުރާ އެ ދަތުރުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށެވެ.
"މާލެ ފިޔަވާ އެންމެ އާބާދީ ބޮޑު އަތޮޅުކަމަށް އައްޑުއަތޮޅު ވާތީ އެ ސަރަހައްދުގައި ހަރަކާތްތައް ފުޅާކުރުން. އަދި އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ވީހާ ގިނަ ބަޔަކު ޕީޕީއެމާއި ގުޅިވަޑައިގެންނަވާތޯ މަސައްކަތްކުރުން،" މައުމޫނު ވިދާޅުވި އެވެ.
އަންނަ 2013 ވަނައަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމް ކާމިޔާބު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވިން މިރޭގެ ޖަލްސާގައި ވެސް ތަކުރާރު ކުރެއްވި އެވެ.
ޕީޕީއެމްގެ ޕާލިމެންޓް ގުރޫޕްގެ ބައެއް މެންބަރުން އެހެން ޕާޓީއާއި ގުޅިވަޑައިގެންނަވާ ކަމަށް ދެކެވޭ ވާހަކަ ދޮގު ކުރައްވައި އެޕާޓީގެ ވަގުތީ ނައިބު ރައީސް އަބުދުއް ރަހީމު އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ އެއްވެސް މެންބަރަކު އެއްވެސް ޕާޓީއަކާއި ގުޅިވަޑައި ނުގަންނަވާނެ ކަމަށާއި އަދި މަޖިލިހުގެ މި ދައުރު ނިމުމުގެ ކުރިން އެޕާޓީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ޕާޓީއަށް ޕާޓީއަށް ވެގެންދާނެ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން އައްޑޫގައި ބާއްވާ ބޮޑު ޖަލްސާގައި މަޖިލިހުގެ ބައެއް މެންބަރުން އެޕަޓީއާއި ގުޅިވަޑައިގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ގިޔާސުއްދީނުގައި ބޭއްވި ފަރީއްކޮޅުގައި އައްޑު އަތޮޅުގެ މީހުންނާއި ޕާޓީގެ އިސްބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން މެންބަރުން ބައިވެރި ވިއެވެ.
މިއަހަރު ނިމޭއިރު އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީޕީއެމް ވާނެ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ