އިއާދަކުރަނިވި ހަކަތައިން މާލޭ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމަށް ޗައިނާ ބަޔަކާ ހަވާލުކޮށްފި

އިއާދަކުރަނިވި ހަކަތަ އިން މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމަށް ޗައިނާގެ ކުންފުންޏަކާ އެކު ސްޓެލްކޯ އިން މިއަދު އެއްބަސްވެއްެޖެ އެވެ.
އިއާދަކުރަނިވި ހަކަތަ އިން ކަރަންޓް އުފައްދާ ޗައިނާގެ އެކްސްއެމްއީސީ ނިއު އެނާޖީ ކުންފުންޏާ އެކު ސޮއިކުރީ މާލެ ސަރަހައްދަށް 25 އަހަރަށް ކަރަންޓް ފޯރުކޮށްދިނުމަށެވެ.
އެއްބަސްވުމުގައި ސްޓެލްކޯ އިން ސޮއިކުރެއްވީ ކުންފުނީގެ ބޯޑުގެ ޗެއާމަން ހަސަން ޒާހިރެވެ. އެކްސްއެމްއީސީ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ނިއު އެނާޖީ ބޯޑުގެ ޗެއާމަން ޒޯ ޖިއާންޗިންގް އެވެ.
ޗައިނާގެ ކުންފުނިން ކަރަންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. ޒައިދު މުހަންމަދު ވިދާޅުވީ މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދިޔަ އަހަރު ބިޑް ހުޅުވާލުމުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ އެކްސްއެމްއީސީ ގްރޫޕުން ކަމަށެވެ.
ޗައިނާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވައިން ކަރަންޓް އުފައްދާ ބުރަފަތި (ވިންޑް ޓާބައިން) ބޭނުންކޮށްގެން ދެ މެގަވޮޓުން ފެށިގެން ފަސް މެގަވޮޓާ ހަމައަށް ކަރަންޓް އުފެއްދުމުގެ ތަޖުރިބާ ހުރި ކުންފުންޏާ އެ ޕްރޮޖެކްޓް ހަވާލުކުރީ، ރާއްޖެ އަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަގްސަދު ކާމިޔާބުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ޕްރޮޖެކްޓުގައި ވައި ބޭނުންކޮށްގެން 20 މެގަވޮޓުގެ ކަރަންޓް، ސްޓެލްކޯގެ ގްރިޑަށް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.
"މި ޕްރޮޖެކްޓް ހުޅުވާލީ ވަކި ވައްތަރެއްގެ އިއާދަކުރަނިވި ހަކަތައަކަށް ނޫން. އެހެން ނަމަވެސް އެ ބޭފުޅުންގެ ތަޖުރިބާއާ އެކު ހުށަހެޅުއްވީ ބޮޑަށް ވިންޑް ޓާބައިންސް ބޭނުންކޮށްގެން އަޅުގަނޑުމެން ބޭނުންވާ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް،" ޒައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން ރާއްޖެ އަށް 50 މެގަވޮޓުގެ ވިންޑްޓާބައިން ހަކަތަ ފޯރުކޮށްދީ އަދި ވައިނުޖެހޭ ދުވަސް ދުވަހު ބޭނުންކުރުމަށް 30 މެގަވޮޓުގެ އެލްއެންޖީ ޕްލާންޓެއް ހިންގުމަށް ވަނީ އެއްބަސްވެފަ އެވެ. އޭގެ ބޭނުމަކީ މެދުނުކެނޑި އިތުބާރު ހުރި ގޮތެއްގައި އާއްމުންނަށް ކަރަންޓް ފޯރުކޮށްދިނުން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
"ވިންޑް ޓާބައިންސް އަދި ބެކަޕް ޕްލާންޓް ހުރި ސަރަހައްދުން މާލެ އަދި ހުޅުމާލެ އަށް ސަބްމެރިން ކޭބަލް މެދުވެރިކޮށް ސްޓެލްކޯ ގްރިޑަށް ފީޑްކުރުމަށް އެއްބަސްވެފައި މިވަނީ. މާލެ އާއި ހުޅުމާލެ އަދި ތިލަފުއްޓަށް ކޭބަލް އަޅާއިރު އިތުރުވާ ޖާގަ އިން އެދިފައިވާނީ ކޭބަލް ފަލަކޮށްދިނުމަށް. އޭރުން އިތުރު އެއްވެސް އަގެއް ނެގުމެއް ނެތި ސްޓެލްކޯ އަށް ކަރަންޓް ބޭނުންކުރެވޭނެ،" ޒައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސޮއިކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން ހަމަޖައްސާފައިވާ ޕްރޮޖެކްޓް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާމިޔާބުވުމުން މިހާރަށް ވުރެ އަގު ހެޔޮކޮށް، އެއް އަގެއްގައި ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ފޯރުވައިދިނުމަށް އެ ކުންފުނީގެ އެލްއެންޖީއޭ ޕްލާންޓް ބަހައްޓާނެ ސަރަހައްދަކާއި މާލެ އަތޮޅުން ވިންޑްޓާބައިން ބަހައްޓާނެ ސަރަހައްދުތައް ފާހަގަކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ