އަހަރެން "ބޭވޮޗް" ބަލައިފިން، ފިލްމް ވަރަށް މަޖާ: ޕްރިޔަންކާ ޗޯޕްޅާ

ޕްރިޔަންކާ ޗޯޕްޅާގެ ހޮލީވުޑްގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމް "ބޭވޮޗް" ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ އިރު، އޭނާ އަންނަނީ މިހާރު ވަރަށް ގަދަ އަށް އެ ފިލްމް ޕްރޮމޯޓް ކުރަމުންނެވެ.
މި މަހުގެ 25 ގައި ސިނަމާތަކަށް އަންނަ ފިލްމާ ބެހޭ ގޮތުން ބޮލީވުޑްގެ ބަތަލާ ބުނީ "ބޭވޮޗް ވަރަށް މަޖާ ވާނެ" ކަމަށެވެ.
"އަހަރެން މިހާރު ފިލްމް ބަލައިފިން. ހަމަ ހަގީގަތުގައި ވެސް ފިލްމް ވަރަށް މަޖާ ވާނެ. މިއީ ޒުވާނުންތަކެއްގެ ތެރޭގައި ހިނގާ، ޒުވާން ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމެއް،" ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވެގެން ދިޔަ ޓީވީ ސިލްސިލާ "ބޭވޮޗް" އަށް ބިނާކޮށް ހަދާފައިވާ ފިލްމާ ބެހޭ ގޮތުން ޕްރިޔަންކާ ބުންޏެވެ.
އޭނާ އަދި ބުނީ މިއީ ވަރަށް ވަރުގަދަ ފްރެންޗައިޒަކަށްވާތީ "ބޭވޮޗް" އަކީ އާދައިގެ ކުޑަކުޑަ ފިލްމެއް ނޫން ކަމަށެވެ.
"މިއީ ބޮޑު ފިލްމެއް. މިއީ މި ހޫނު މޫސުމުގައި ބެލުންތެރިންނާ ހަމައަށް އަންނަ ބްލޮކްބަސްޓާއަކަށް ވާނެ،" ޑްވޭން (ރޮކް) ޖޯންސަން އާއި ޒެކް އެފްރޮން ފަދަ ތަރިން ފެނިގެންދާ ފިލްމާ ބެހޭ ގޮތުން ހުނަރުވެރި ބަތަލާ ބުންޏެވެ.
"ބޭވޮޗް" ގައި ޕްރިޔަންކާ ކުޅެފައި ވަނީ ވިކްޓޯރިއާ ލީޑްސް ކިޔާ ވިލަންއެއްގެ ރޯލެވެ. އެ ރޯލަކީ ފުރަތަމަ އެކްޓަރަކަށް ހާއްސަކޮށްގެން ލިޔުނު ރޯލަކަށް ވިޔަސް، ޕްރިޔަންކާ ފިލްމަށް ގެންނަން ނިންމުމާ އެކު، އެ ރޯލް ވަނީ ވަރަށް އަންހެންވަންތަ ރޯލަކަށް ބަދަލުކޮށްލައިފަ އެވެ.
އެހެން ނަމަވެސް މީގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ލައިފްގާޑުންތަކެއްގެ ވަށައިގެން އެނބުރޭ "ބޭވޮޗް" ގިނަ ކާސްޓުން އަތިރިމައްޗާއި މޫދުން ފެނުނު ނަމަވެސް، ޕްރިޔަންކާ ސްވިމިން ސޫޓްގައި ނުފެންނާނެ އެވެ.
"ބޭވޮޗް" ގެ ޓްރެއިލާއެއް.
"ވިކްޓޯރިއާއަކަށް ނުޖެހޭ ހައި ހީލްސް ބާލާފައި އަތިރިމަތީގައި އުޅޭކަށް. އެއީ އޭނާ ގަޔާވާ ކަމެއް ވެސް ނޫން. އޭނަގެ އެންމެ ހާއްސަ ކަމަކީ އަމިއްލަ ގޮތުގައި ހިތްގައިމު ގައުންތަކުގައި ގިނަ ފަހަރަށް ފެނިގެން ދިއުން،" ޕްރިތަންކާ އޭނާގެ ރޯލާ ބެހޭ ގޮތުން ބުންޏެވެ.
ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން އެތައް ބައެއްގެ ހިތްތައް ޕްރިޔަންކާ ފަތަހަކޮށްފައިވާތީ، "ބޭވޮޗް" އިން އޭނާ ބަލައިލުމުގެ ޝައުގުވެރިކަން ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ