ޕީ.ޕީ.އެމްގެ ރައީސް ކަމަށް މައުމޫން ކުރިމަތި ލައްވައިފި

ޕީ.ޕީ.އެމްގެ އިންތިޤާލީ ރައީސް، އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ޕީ.ޕީ.އެމްގެ ރައީސްކަމުގެ މަޤާމަށް މިއަދު ކުރިމަތި ލައްވައިފިއެވެ.
މިމަޤާމަށް ކުރިމަތި ލައްވަމުން މައުމޫން ވިދާޅުވެފައިވަނީ، މިކަމުގައި ޕީ.ޕީ.އެމްގެ އެންމެހާ ލޮބުވެތި މެންބަރުންގެ ފުރިހަމަ ތާޢީދަށް އެދިވަޑައިގަންނަވާ ކަމަށާއި، މިމަޤާމަށް އިންތިޚާބު ކޮށްދެއްވައިފިނަމަ މާތް ﷲ ގެ ވާގިފުޅާއިއެކު ލަޔާޤަތު ތަންދިން އެންމެ ފުރިހަމަ ގޮތެއްގައި ޕާޓީއަށާއި، ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމި ހުންނަވާނެ ކަމަށެވެ.
ރައީސް މައުމޫން ޕީޕީއެމްގެ ރައީސްކަމަށް ކުރިމަތި ލައްވާފައިވާއިރު، ޕީޕީއެމްގެ ރައީސްކަމަށް ކުރިމަތި ލައްވާނެކަން، ނިމިގެންދިޔަ ހަފްތާގައި މައުމޫން ވަނީ އިއުލާން ކުރައްވާފައެވެ.
ރައީސް މައުމޫން އެދުވަހު ވިދާޅުވީ، ޕާޓީގެ މެންބަރުން ބޭނުންނަމަ އަންނަމަހު ބާއްވާ ކޮންގްރެސްގައި ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ތައްޔާރު ކަމަށާއި، ދުނިޔޭގެ އެހެން ތަންތަނުގައިވެސް ޕާޓީގެ އެންމެ މަތީ މަގާމުގައި ހުންނަނީ ޕާޓީގައި ހުންނަ އެންމެ ހަގު މީހާ ނޫން ކަަމަށާއި، އޭގެ ބަދަލުގައި ހުންނާނީ ތަޖްރިބާހުރި ތަންކޮޅެއް ދުވަސްވީ މީހެއް ކަމަށެވެ.
މައުމޫން ޕީޕީއެމްގެ ރައީސްކަމަށް ކުރިމަތި ލައްވާފައިވާއިރު، ކުރިއަށް އޮތް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މައުމޫން ވާދަކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ. ރައީސް މައުމޫންވެސް ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރައްވަން އަދި ނިންމާފައި ނުވާ ކަމަށާ އިންތިޚާބުގައި ފެނިދާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ