ރޭ ދަންވަރު ކަސްޓަމްސް ސަރަޙައްދުން ފެނުނު އައިއީޑީއެއް ކަމަށް ޝައްކު ކުރެވުނު އެއްޗަކީ "ފޭކެއް" ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް، އަދި ނޭޝަނަލް އިންކުއައިރީ ކޮމިޝަންގެ ކޯޗެއާ އަލްފާޟިލް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި އުމަރު ވިދާޅުވީ، ރޭ ކަސްޓަމް ސަރަޙައްދުން ފެނުނު އައިއީޑީއެއް ކަމަށް ޝައްކު ކުރެވުނު އެއްޗަކީ، ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެއްދުމަށް އެތާނގައި ބާއްވާފައިވާ "ފޭކު" އެއްޗެއް ކަމަށެވެ.
މީގެ އިތުރުން އުމަރު އިތުރަށް ވިދާޅުވީ، މިކަމަށް ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.
ރޭ ކަސްޓަމްސް ސަރަޙައްދުން އައިއީޑީއެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުމާއި ގުޅިގެން، ސަލާމަތީ ބާރުތަކުން ވަނީ އެ އެތި މާފަންނު ސްޓޭޑިއަމްއަށް ގެންގޮސް، އެއި އަސްލުވެސް ގޮވާ ޒާތުގެ އެއްޗެއްތޯ ބަލާފައެވެ.
ރޭ މާލެއިން އައިއީޑީއެއް ކަމަށް ބެލެވޭ "ފޭކު" އެއްޗެއް ފެނިފައިވާއިރު، އިއްޔެ ހަވީރު ސްޓެލްކޯ ކައިރީގައި ގޮވާއެއްޗެއް ކަމަށް ބެލެވޭ އެއްޗެއް އޮތް ކަމަށް އާންމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެންވެސް ސަލާމަތީ ބާރުތަކުން ވަނީ ހަރަކާތްތެރި ވެފައެވެ. ނަމަވެސް އެތަނުންވެސް ފެނިފައިވަނީ ގޮވާ ޒާތުގެ އެއްޗެއް ނޫންކަން ސިފައިން ފަހުން ވަނީ ހާމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އިއްޔެ މުޅި ރާއްޖެއަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރައްވާފައިވާއިރު، އާންމުންގެ އަތުގައި، "ގިނަ ބައެއްގެ ފުރާނައަށް ނުރައްކާ ވާފަދަ ހަމަލާ ދެވޭނެ" ހަތިޔާރާ ގޮވާތަކެތި އަދިވެސް ހުރެދާނެ ކަމުގެ މަޢުލޫމާތު ސަލާމަތީ ބާރުތަކަށް ލިބިފައިވާކަމަށް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ރޭ ފެނުނީ ފޭކު އައިއީޑީއެއް، ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ