ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ސަހާރޭ އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައިއެވެ.
ރައީސް މައުމޫން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރަޖީވް ސަހާރޭގެ އެދިވަޑައިގަތުމަކަށް ބޭއްވި ބައްދަލުވުމުގައި އެކި ކަންކަމާއި ގުޅޭ ގޮތުން ހިޔާލު ބަދަލުކުރެވިފައިވާތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.
ގާޑްން ސިޓީ ކޮލެޖާއި އިންޑިއާގެ ޖައްވީ ކަންތައްތަކާބެހޭ ޖަމިއްޔާ އިސްރޯ އާއި ގުޅިގެން، އިންޑިއާގެ ކުރީގެ ރައީސް ޑޮކްޓަރ އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި އިންތިޒާމް ކުރި ބަހުސް މުބާރާތް ސްޕީކް ޔުއަރ މައިންޑް އެންޑް އެކްސްޕްރެސް (ސިމްޕްރެސް)ގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ރައީސް މައުމޫން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިފަދަ މުހިއްމު އިހްތިފާލަކަށް ގާޑްން ސިޓީ ގްރޫޕް އޮފް އިންސްޓިޓިއުޝަންގެ ޗެއަރމަން ޑޮކްޓަރ ޖޯސެފް ވީ ޖޯޖް ދައުވަތު ދެއްވިކަމަށްޓަކައި އެމަނިކުފާނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި ގާޑްން ސިޓީ ކޮލެޖުން ތައުލީމު ހާސިލުކުރަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންގެ ތެރޭގައި ދިވެހި ދަރިވަރުން ހިމެނޭތީ އެކަންވެސް ފާހަގަކުރެއްވިއެވެ.
އަދި ޚާއްސަކޮށް އޭގެތެރެއިން ބައެއް ކުދިންނަކީ އެކޮލެޖުން ކޮންމެ އަހަރަކުވެސް މައުމޫން ފައުންޑޭޝަނަށް ދެއްވަމުން ގެންދަވާ ސްކޮލަޝިޕްތަކެއްގެ ތެރެއިން ތައުލީމު ހާސިލުކުރާ ކުދިން ކަމަށްވާތީ އެކަމަށްޓަކައިވެސް ގާޑްން ސިޓީ ކޮލެޖުގެ ޗެއާމަނަށާއި މެނޭޖްމަންޓަށް ރައީސް މައުމޫން ޝުކުރު އަދާކުރެއްވިއެވެ.
އަދި ރައީސް މައުމޫންގެ ޒައާމަތުގައި ރަޙްމަތްތެރި ގައުމުތަކާއި ގުޅުން ބަދަހިކުރެއްވުމަށާއި، ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ހޯއްދަވައި ދެއްވުމަށާއި، ސަރަޙައްދީ ދާއިރާގައާއި އަދި ބައިނަލްއަގްވާމީ ދާއިރާގައި ސުލްޙަ މަސަލަސްކަން ގާއިމުކުރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް މައުމޫން، އިންޑިއާ ސަފީރާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ