ށ. ފޯކައިދޫ ސިއްހީ މަރުކަޒުން ފަސް މަހުގެ ކަރަންޓުފީ ނުދައްކާ އޮތް މައްސަލައިގައި ކޯޓަށް ދިއުމަށް ރަށު ކައުންސިލުން ނިންމައިފި އެވެ. ކައުންސިލުން ބުނީ މަރުކަޒުގެ މައްޗަށް ދައުވާ ކުރާއިރު ރަށުގެ 87 ގެއަކުން ކަރަންޓު ބިލަށް ފައިސާ ނުދައްކާ މައްސަލަ ވެސް ކޯޓަށް ވައްދާނެ ކަމަށެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު މިއަދު ވިދާޅުވީ އެ ރަށު ސިއްހީ މަރުކަޒުން ކަރަންޓުފީ ނުދައްކާތާ ފަސް މަސް ވެފައިވާ ކަމަށެވެ. ފަސް މަސް ދުވަހުގެ ކަރަންޓު ބިލުތަކަށް 80000ރ. އަރާފައިވާއިރު އެރަށު 87 ގެއަކުން ވެސް ކަރަންޓްފީ ނުދައްކާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރަށުގެ ގޭގެއިންނާއި ސިއްހީ މަރުކަޒުން ނުދައްކާ ހުރި ފައިސާ ހޯދުމަށް ތަފާތު އެކިފަހަރު މަތިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
"ސިއްހީ މަރުކަޒުން ކަރަންޓްފީ ނުދައްކާތީ އެ މައްސަލަ ހައްލުކުރުމަށް ދެ ފަރާތުގެ މެދުގައި ސިޓީ ބިޓީ ބަދަލުކުރެވިފައިވާނެ. ނަމަވެސް މިކަން ހައްލުވެފައެއް ނެތް. ސިއްހީ މަރުކަޒުން މީގެ އެއް މަސް ކުރިން ލިޔުމުން އަންގާފައި ވަނީ ޔުނިޓަކަށް 10 ރުފިޔާ އަށް ވުރެ މަތިން ނަގަންޏާ ކަރަންޓްފީ ދެއްކޭނީ ޤާނޫނީ ގޮތުން އެއަށް ވުރެ ބޮޑު އަގެއް ނެގޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފަވާ ލިޔުމެއް ހުށަހެޅީމާ ކަމަށް،" ރާޝިދު ވިދާޅުވި އެވެ.
ރާޝިދު ވިދާޅުވީ ސިއްހީ މަރުކަޒުގެ އެ ލިޔުމާ ގުޅިގެން ކައުންސިލުން ކަނޑައަޅާފައިވާ އަގު ނޫން ގޮތަކަށް ކަރަންޓް ދެވެންނެތް ވާހަކަ ވެސް ސިއްހީ މަރުކަޒަށް އަންގާފައިވާނެ ކަމަށެވެ.
ފޯކައިދޫ ސިއްހީ މަރުކަޒު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސާ ހަލީމަތު ޝަހުލާ ވިދާޅުވީ ކަރަންޓު ޔުނިޓެއްގެ އަގު 10ރ. އަށް ވުރެ ބޮޑު ނަމަ ކަރަންޓުފީ ދެއްކުމަކީ އާންމު ހިދުމަތާ ބެހޭ ޤާނޫނުގެ ދަށުން މަނާ ކަމެއް ކަމަށް ވާތީ އެ ފައިސާ ނުދެއްކުމަށް ޕްރޮވިންސް އޮފީހުން އެ މަރުކަޒަށް އަންގާފަވާތީ އެކަން ލިޔުމުން ރަށު ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެނާޖީ އޮތޯރިޓީން އެކަމަށް ހުއްދަދީފައޮތް ލިޔުމެއް ލިބުމުން ނޫނީ ކަރަންޓްފީ ނުދެއްކުމަށް އެ އަތޮޅު ހޮސްޕިޓަލާއި، އަޕަ ނޯޓު ހެލްތު ސާވިސަސް ކޯޕަރޭޝަނުން އެ ހޮސްޕިޓަލަށް އަންގާފައިވާތީ އެކަން ކައުންސިލަށް އަންގާފައިވާނެކަމަށެވެ.
ރާޝިދު ވިދާޅުވީ އެރަށުގެ 87 ގެއަކުން ކަރަންޓް ބިލަށް ފައިސާ ނުދައްކާ އޮންނަތާ ވެސް ވަރަށް ދުވަސްވެފައިވާ ކަމަށާއި ގޭގެއިން ވެސް ކަރަންޓް ބިލުތަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
ކަރަންޓް ބިލުތަކަށް ފައިސާ ނުދައްކައިގެން ފޯކައިދޫ ސިއްހީ މަރުކަޒާއި 80 އަށްވުރެ ގިނަ ގޭގެ މައްޗަށް ދައުވާ ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ