ނާދިރާ އަދި ފާރިސް ޕާޓީން ވަކިވެފައިވާކަމަށް ގަބޫލެއް ނުކުރަން: ރައީސް މައުމޫން

ނާދިރާ އަދި ފާރިސް މައުމޫން ޕީޕީއެމް އިން ވަކިވެފައިވާކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިރޭ ޕީޕީއެމް އޮފީހުގައި ކުރިއަށްގެންދިޔަ ކައުންސިލް ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ކައުންސިލް ބައްދަލުވުމަށް ވަޑައިގެން ނާދިރާ އަދި ފާރިސް ހިމެނޭނަމަ ކައުންސިލް ބައްދަލުވުމުގައި ބައިވެރި ނުވާނެކަން “އެބޭފުޅުން” ވިދާޅުވި ކަމަށެވެ.
“ވިދާޅުވި މިތާ އެބަތިއްބޭ ވަކިކޮށްފަ ތިބި މެމްބަރުންތަކެއް، އެ ފަރާތްތަކަށް މިތާކު ނުތިބެވޭނޭ، ފާރިސް އާއި ނާދިރާ ޕީޕީއެމްއިން ވަކިވެފައިވާކަމަށް ގަބޫލެއް ނުކުރަން” ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ފާރިސް އާއި ނާދިރާ ވަކި ކުރުމަށް ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫން ކަމަށެވެ.
“ސުލޫކީ ކޮމިޓީގައި ހަތް މެމްބަރުން ހިމެނޭއިރު އެ ބައްދަލުވުމުގައި އެގޮތަށް ނިންމެވީ އެންމެ ތިން މެމްބަރުންގެ އިއްތިފާގުން ކަމަށް ވިދާޅުވި އިރު އެ ނިންމުން ޕާޓީގެ އޮފީހަށް ފޮނުވާފައިނުވޭ، އެބޭފުޅުން ވިދާޅުވޭ އިސްތިއުނާފް ކޮމިޓީއަށް ހުށަހަޅާށޭ، އެހެންނަމަސް އިސްތިއުނާފް ކޮމިޓީއަށް ދާންޖެހޭނީ ސުލޫކީ ކޮމިޓީގެ ބައްދަލުވުމަކީ ސައްހަ ނިންމުމެއް ނިންމިއްޔާ” ރައީސް މައުމޫން ވިދާޅުވި އެވެ.
މިރޭ ޕީޕީއެމް އޮފީހުގައި ކުރއަށްގެންދިޔަ ކައުންސިލް ބައްދަލުވުން ނިންމާލާފައިވަނީ ޕީޕީއެމް ޕީޖީ ގްރޫޕްގައި ހިމެނޭ މެމްބަރުން އެ ބައްދަލުވުމުން ވޯކްއައުޓް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ