ވެކްސިން ޖެހުމަށް އޮންލައިންކޮށް ނަމްބަރު ދޫކުރުން ހުއްޓާލައިފި

ކޮވިޑް-19 ދިފާއު ވެކްސިން ޖެހުމަށް ކިއުބީ މެދުވެރިކޮށް އޮންލައިންކޮށް ދޫކުރަމުން އައި ޓޯކަން ނަމްބަރު ދޫކުރުން ހުއްޓާލައިފި އެވެ.
ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށުމާއިއެކު މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކުގައި ދިގު ކިއު ހަދައި މީހުން ތޮއް ޖެހުމުގެ ސަބަބުން އެކަމުގެ ޝަކުވާ ބޮޑުވެ އޮންލައިންކޮށް ނަމްބަރު ނެގޭ ގޮތަށް ހަމަޖެއްސީ މީގެ ހަފްތާއެއް ކުރިންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިރެއިން ފެށިގެން އަނެއްކާވެސް ވެކްސިން ޖެހުމަށް ނަމްބަރު ދޫކުރާނީ ހަމައެކަނި ސެންޓަރުން ކަމަށެވެ. އަދި ނަމްބަރު ދޫކުރާނީ ފުރަތަމަ އަންނަ މީހުންގެ ތަރުތީބުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ވެކްސިން ޖަހަން ނަމްބަރު ދޫކުރާ އަދަދުވެސް ވަނީ ލިމިޓް ކޮށްފަ އެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިން ދޭނީ ހަމައެކަނި ދެވަނަ ޑޯޒް ޖަހާ މީހުންނަށެވެ. މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދޭނީ ދެ ތަނެއްގަ އެވެ. އެގޮތުން ހުޅުމާލެ ވެކްސިން ސެންޓަރުން ދެވަނަ ޑޯޒް ޖެހުމަށް ދޫކުރާނީ 300 ނަމްބަރެވެ. އަދި މާލޭގައި ހުންނަ ސޯޝަލް ސެންޓަރުން ދޫކުރާނީ 900 ނަމްބަރެވެ.
މީގެ އިތުރުން ސިނޯފާމް ވެކްސިން މާލެ ސަރަހައްދުގެ ހަތަރު ސެންޓަރެއްގައި ޖަހައިދޭނެ އެވެ. އެ ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ވެސް ޖަހައިދޭނީ ރައްޔިތުންގެ މަޖިލިސް ހުންނަ އިމާރާތާއި، އާޓް ގެލެރީގެ އިތުރުން ވިލިމާލެ ޒުވާނުންގެ މަރުކަޒުގެ އިތުރުން ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޝީލްޑް ވެކްސިން ދިނުން ލިމިޓްކޮށްފައި މިވަނީ ރާއްޖެއިން އެ ވެކްސިން ހުސްވަމުން ދާތީ އެވެ. މިވަގުތު މާލެ ސަރަހައްދުގައި ހުރި ކޮވިޝީލްޑް ވެކްސިން ވަރަށް ބޮޑަށް މަދުވެ، ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ދެވަނަ ޑޯޒް ދެވޭ މިންވަރަށްވެސް ވެކްސިން ނެތެވެ. މިކަމާއި ގުޅޭގޮތުން ތަކުރާރުކޮށް އެޗްޕީއޭ އާއި ސުވާލު ދެންނެވުމުންވެސް ޖަވާބު ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ