ދިވެހިންގެ ސަޤާފަތް ރަމްޒުކޮށްދީ ދިވެހިންގެ އާދަކާދަ ދައްކުވައިދޭ ޗެލެންޖްތަކަކާއިއެކު އެމްއެންޑީއެފުން "ހެސަ ވާދަ 2018"ގެ ނަމުގައި މުބާރާތެއް ފަށައިފިއެވެ.
މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ސިފައިންގެ ހަށިހެޔޮކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ހަރަކާތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް އުމަރެވެ.
މި މުބާރާތަކީ ދިވެހި ކާބަފައިން އިހުގައި ކޮށްއުޅުނު މަސައްކަތްތައް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ފެށި ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ފެށި މި މުބާރާތުގައި 17 ޓީމަކުންވަނީ ބައިވެރިވެފައެވެ.
މި މުބާރަތް ފައްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި މުބާރާތަކީ ޤައުމެއްގެ އެންމެ މުހިންމު އެއް ބަހާ ކަމަށްވާ ޤައުމިއްޔަތާއި ސަޤާފަތް ދިރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. އަދި މިއީ ހަމައެކަނި މުބާރާތެއް ނޫންކަމަށާއި މިކަމަކީ ދިވެހި ސަޤާފަތް ދިރުވައި އާލާކުރުމަށް ޤައުމީ ދިފާޢީ ބާރުން ކުރަމުންގެންދާ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިފަދަ މުބާރާތެއްގެ ސަބަބުން ދިވެހި ކާބަފައިން ދިރިއުޅުމަށް ކުރަމުން އައި މަސައްކަތްތަކާއި، ބޭނުންކުރަމުންއައި ވަސީލަތްތަކާއި، ޚިދުމަތްތައް ދިރުވައި މިހާރުގެ ޖީލަށް ފޯރުކޮށްދެވިގެންދާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ޤައުމީ ދިފާޢީބާރަކީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ އެންމެ ބޮޑު ބާރު ކަމަށާއި، އެމީހުންގެ މަސައްކަތަކީ ސާބަސް ޙައްޤު މަސައްކަތްތަކެއްކަމަށެވެ. އަދި އިސްލާމީ ވަޙްދަތާއި ދިވެހި ސަޤާފަތް ދަމަހައްޓައި އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ތަރިކަ މަޝްރޫޢުއަށްވެސް މި މުބާރާތް ބާރަކަށްވެގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މުބާރާތް މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރމާލެ ސިޓީ ދެކުނުފަރާތު އިންޑަސްޓްރިއަލް ޒޯނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިވެންޓްތައް އޮންނާނީ ހުކުރުދުވަހުން ފެށިގެން ކޮންމެ ރެއެއްގެ 20:00 ން 00:00 އަށެވެ. 7 ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިވެންޓުތައް ބެލުމުގެ އިންތިޒާމް، އިވެންޓްތައް ކުރިއަށްދާ ވަގުތުތަކުގައި އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
ސިފައިންގެއިން މުޅިން އަލަށް ތައާރަފުކުރާ މި މުބާރާތުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ޖޯލިގެތުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އެންމެ އަވަހަށް އިވެންޓްތައް ފުރިހަމަކުރާ ތިން ޓީމް ހޮވައި ވަނަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށްދާ ވަގުތު، މުބާރާތް ބެލުމަށް އެ ސަރަޙައްދައް ވަނުމަށް އާއްމުންނަށްވެސްވަނީ ހުޅުވާލާފައެވެ.
"ހެސަ ވާދަ 2018" ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ