އެންމެ ބޮޑު އަނިޔާއެއް ލިބޭ ވިޔަފާރިވެރިޔަކީ ގާސިމް: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖޭގައި މިވަގުތު ތިއްބެވި ވިޔަފާރިވެރިންގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް އެބޭފުޅަކަށް އަމާޒުކުރެވޭ ފަރާތް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖޭޕީގެ އިސް ބައެއް ވެރިން ގުޅިގެން ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ގާސިމް އިބްރާހީމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެމަނިކުފާނާ މެދު ކަންތައް ކުރަމުންދަނީ ވަރަށް ބޭއިންސާފުން ކަމަށެވެ.
އަމީން ވިދާޅުވީ ކޮންމެ މީހަކަށް ވެސް މިއަދު ރާއްޖޭގެ ހާލަތު ވަރަށް ރަގަޅަށް އިނގޭ ކަމަށާއި، ތަފާތު ފިކުރެއްގެ މީހަކު މަގުމައްޗަށް ނިކުމެ ޝުއޫރު ފާޅުކޮށްފިނަމަ އެމީހަކަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ.
"އެހެންވީމަ މިހާލަތުގައި ކޮންމެ މީހަކަށް ވެސް ލިބޭ އަނިޔާއިން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރުމަކީ ރާއްޖޭގެ ކޮންމެ ފަރުދަކަށްވެސް އޮތް ގައުމީ ޒިންމާއެއް،" އަމީން ވިދާޅުވި އެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ މީގެ ކުރިންވެސް މިފަދަ މަސައްކަތްތައް ބައެއް ލީޑަރުން އިސްލާހަށްޓަކައި ނިކުންނަވައިގެން ކުރައްވާފައިވާ ކަމަށާއި، މިއަދު އަމަލުކުރަމުންދާ ގާނޫނު އަސާސީއަކީ ވެސް އޭގެ ނަތީޖާ ކަމަށެވެ.
އަމީން އިތުރަށް ވިދާޅުވީ މިއަދު މިކުރާ މަސައްކަތަކީ ވަކި ބައެއްގެ ކަމެއް ނޫން ކަމަށާއި، އަދި ވަކި ޖަމާއަތެއް ތަމްސީލުކުރުމަށް ކުރެވޭ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންކަމުން އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަށް އަމީން ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ކުރާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، "އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މިހަރަކާތަކީ ވަކި ހަރަކާތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ