މަގުމަތީގެ ރައްކާތެރިކަމަށް ޕްރޮގްރާމްތައް ހިންގުމަށް ފުލުހުން ތިން ކުންފުންޏަކާއެކު އެއްބަސްވުމަކަށް

މަގުމަތީގެ ރައްކާތެރިކަން މިހާރަށް ވުރެ އިތުރުކުރުމަށް ޕްރޮގްރާމުތައް ހިންގުމަށް ފުލުހުން ތިން ކުންފުންޏަކާއެކު، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ފުލުހުން ސޮއިކުރީ، އުރީދޫއާއި އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެކުގައެވެ. އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީނެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސައިން ނިޔާޒާއި އެލައިޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުޙައްމަދާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ފުލުހުން ބުނީ، އެކުންފުނިތަކުން މިއަހަރު އެޚިދުމަތުން ކުރިއަށްގެންދާ 'ރައްކާ ކެމްޕެއިން'ގެ ދަށުން މަގުމަތީގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދޭނެ ކަމަށެވެ. އެކްސިޑެންޓުތަކާއި މާރާމާރީތައް އާންމުކޮށް، މާލެ ސަރަހައްދުގައި ހިނގައެވެ. އެހެންވެ، އެކަންކަން މަދުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އެކި ފިޔަވަޅުތައް އަޅައެވެ. އެގޮތުން، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ސިޔާސތު ބަދަލު ކުރުން ހިމެނެއެވ.ެ. މާލެ ސަރަހައްދުގެ ޓްރެފިކުގައި ހަރަކާތްތެރިވުމަށް އިތުރު ފުލުހުން ވެސް ވަނީ މަގުތަކަށް ނިކުންނަން ފަށާފައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި މި އަހަރު ވެސް ވައްކަމަށް ފަހު އެންމެ ގިނައިން ރިޕޯޓުކުރަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. އެގޮތުން މިދިޔަ އަހަރު 2،885 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް 1،283 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ