މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ހޮވަން ޕްރައިމަރީއެއް ނުބާއްވާތީ އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެ އެވެ.
މޫސަ މިއަދު ވިދާޅުވީ ދިއްގަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓް ބޭނުންވާ ވަރަށް ގިނަ ބަޔަކު ތިބެ، އެކަމުގެ ޝައުގުވެރިކަން ބައެއް ބޭފުޅުން ފާޅުކޮށްފައިވާ އިރު ކޯލިޝަނެއްގެ ތެރެއިން ކެންޑިޑޭޓަކު ނެރެން އެމްޑީޕީން ބާރު އެޅުމަކީ ހެއްވާ ކަމެއް ކަމަށެވެ.
"[އެމްޑީޕީގައި] މިހެން ވެގެއް ނުވާނެ. އިންތިހާބުތަކުގައި އެމްޑީޕީއަށް ކެންޑިޑޭޓުން ނެރެވެންޖެހޭނެ. ޕްރައިމަރީ ބޭއްވެން ޖެހޭނެ، އަޅުގަނޑު ގޮވާލަން ދިއްގަރު ދާއިރާއަށް އެދި ތިބި މީހުންނަށް ޕްރައިމަރީ ބާއްވައި ދިނުމަށް،" މޫސަ ވިދާޅުވި އެވެ.
މޫސަ މިއަދު ވިދާޅުވީ މިދިއަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރައިމަރީއާ ނުލައި އެމްޑީޕީގެ ޓިކެޓް ލިބެންޖެހޭ ބޭފުޅުން، ސިޓިން މެންބަރުންގެ ތެރޭގައި ތިއްބެވި ކަމަށް ވިދާޅުވުމުން އެކަމަށް އެމްޑީޕީގެ އޭރުގެ އިސް ގިނަ ބޭފުޅުން މަލާމަތްކޮށް ނުރުހުން ފާޅު ކުރެއްވި އިރު މިވަގުތު އެމްޑީޕީއަށް ގޮނޑިއެއް ބޭނުންވާ ދަނޑިވަޅުގައި ޕްރައިމަރީއެއް ނުބާއްވާ ތިބުމަކީ ހައިރާންވެވެޑައިގަންނަވާ ކަމެއް ކަމަށެވެ.
އެމްޑީޕީން ވެރިކަމަށް ވާދަ ކުރައްވާނެ ބޭފުޅަކު ކަނޑައެޅުމުގައި އެޕާޓީގެ ހަކަތަ ނެތިގެންދާތަން ފެންނަ ކަމަށާއި އެމްޑީޕީގެ ސަފުގެ ތެރެއަށް ވަދެ ތިބި ޖޭޕީ އާއި އަދާލަތުގެ މީހުން އެމްޑީޕީގެ ކޮންޓްރޯލް ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް މޫސަ ތުހުމަތު ކުރެއްވި އެވެ.
ދިއްގަރު ދާއިރާގެ އިންތިހާބު ބާއްވަނީ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ. އެމްޑީޕީން ބުނެފައި ވަނީ އިދިކޮޅު ތިން ޕާޓީ ގުޅިގެން ދިއްގަރު ދާއިރާއަށް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީން ދިއްގަރު ދާއިރާގެ ޕްރައިމަރީ އިއުލާން ނުކުރުމުން މޫސާ ފާޑު ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ