މަދު މައްސަލަތަކެއް ބެލުނު އިންތިގާލީ އިންސާފުގެ އޮފީހަށް 40 މިލިއަނެއްހާ ރުފިޔާ ޚަރަދުކުރި
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި އިންސާފު ހޯދައިދިނުމުގެ ނަމުގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުން މާ ބޮޑު ނަތީޖާއެއް ނެރެފައިނުވި ނަމަވެސް 40 މިލިއަނެއްހައި ރުފިޔާ ދެތިން އަހަރުތެރޭ ޚަރަދުވެފައިވާކަން އޮޑިޓު ރިޕޯޓުތަކުން ހާމަވެއްޖެއެވެ. އިންތިގާލީ އިންސާފުގެ ޞާލިޙް އުފެއްދެވީ 2020ވަނަ އަހަރުގެ ޑިސެމްބަރު 17 ގައެވެ. މި އޮފީސް އުފެއްދީ 1953 ވަނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން، އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދައިދިނުމުގެ ނަމުގައެވެ. ނަމަވެސް ކޮމިޝަން އުވިގެން ދިޔައިރު ވެސް އެކަން ނުކުރެވުނެވެ. މީގެ ކުރިން 2023ވަނަ އަހަރު އެ އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އެ އޮފީހަށް 455 އެއްހައި މައްސަލަ ހުށަހަޅައި ބަލައިގަނެފައި އޮތެވެ. ނަމަވެސް އެ އަހަރުގެ ޖޫން މަހާ ހަމައަށް ދިޔައިރު ނިންމުނު މައްސަލަތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް ވެސް ނާރައެވެ. ނިންމިފައިވަނީ އޭގެ ތެރެއިން އެންމެ 141 މައްސަލައެވެ. އޭރު ވެސް މި ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި އެ އޮފީހަކީ ދައުލަތުގެ މާލިއްޔާއިން ކުރާ އިސްރާފެއްކަމަށް ބުނެ ވާހަކަދައްކައިފައިވެއެވެ. އެއާއެކު އޮޑިޓާ ޖެނެރަލްގެ އޮފީހުން މިހާރުވަނީ އިންތިގާލީ އިންސާފުގެ އޮފީހުގެ 2022 އަދި 2023ވަނަ އަަހަރުގެ މާލީ އޮޑިޓު ރިޕޯޓުތައް އާންމުކޮށްފައެވެ. އޭގައިވާ ހިސާބުތަކަށް ބަލާއިރު 2023ވަނަ އަހަރު އެ އޮފީހަށް ޖުމްލަ 13.4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، 2022ވަނަ އަހަރު 14.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން 2021ވަނަ އަހަރު 11.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެހެންކަމުން ތިން އަހަރުން އެއީ ޖުމްލަ 39.4 އެއްހައި ރުފިޔާއެވެ. އެ އޮފީހުން ފައިސާ ޚަރަދުކުރި ގޮތާ ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައިވަނީ އެއްވެސް މައްސަލައެއް ފާހަގަވާން ނެތްކަމަށް ބުނެފައެވެ. އަދި ހުރިހާ ޚަަރަދެއް ވެސް ކޮށްފައިވަނީ ބަޖެޓުގެ މަގްސަދާ އެއްގޮތަށް މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތަށް ކަމަށް ވެސް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ