ލިވަޕޫލްގެ ލެޖެންޑް ޑާކް ކުއިޓް މި އަހަރުގެ ފުޑް ކާނިވަލަށް

ލިވަޕޫލަށް ނިސްބަތްވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑާކް ކުއިޓް މި އަހަރުގެ ފުޑް ކާނިވަަލަށް ޒިޔާރަތް ކުރާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުނެފިއެެވެ. މި އަހަރުގެ ފުޑް ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުން 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެމްއެމްޕީއާރުސީން ބުނީ މި އަހަރުގެ ފުޑް ކާނިވަލްގައި މުޅިން އައު ހަރަކާތެއްގެ ގޮތުގައި ލިވަޕޫލް އެފްސީ ފޭން ޒޯނެއް ތައާރަފުކުރުމަށް ނިންމާފައިވާކަމަށެވެ. މި ފޭން ޒޯންގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ލިވަޕޫލްގެ ލެޖެންޑް ޑާކް ކުއިޓް މިމަހުގެ 26 ވަނަ ދުވަހު ފޭން ޒޯނަށް ކުރާ ޒިޔާރަތްކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ރާއްޖޭގެ ލިވަޕޫލްގެ ފޭންސްއަށް، މި ގައުމުގައި އޭނާއާ ބައްދަލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. މީގެ އިތުރުން ކާނިވަލްގެ ތެރޭގައި ލިވަޕޫލް އެފްސީގެ ރަސްމީ ދެ ޖާޒީ ފޭނުންނަށް ހަދިޔާކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެ ކޯޕަރޭޝަނުން ބުނީ މި ޒޯން ފަރުމާކުރާނީ ފުޓްބޯޅައަށް ލޯބިކުރާ މީހުންނާއި އާއިލާތަކުން ޝައުގުވެރިވާ ގޮތަކަށް ކަމަށެވެ. ފޭން ޒޯނުގެ ތެރޭގައި ލައިވް މިނީ މެޗުތައް ކުޅުމަށް ''3 އޮން 3'' ފުޓްބޯޅަ ދަނޑަކާއި ފޫސްބޯލް އޭރިއާއެއްގެ އިތުރުން އިށީނދެގެން ކުޅޭ ފުޓްބޯޅަ ޗެލެންޖެއް ހިމެނޭނެއެވެ. އެ ކޯޕަރޭޝަނުން ވަނީ މި ހަރަކާތްތަކުން މޮޅުވާ މީހުންނަށް ޚާއްޞަ ހަދިޔާތަކެއް ދޭނެ ކަމަށާއި ލިވަޕޫލްގެ ފޭންސްއަށް ލިވަޕޫލް އެފްސީގެ ރޫހުގައި އުޅެވޭނެ ގޮތްތައް އިންތިޒާމްކޮށްފައި ހުންނާނެ ކަމަށް ބުނެފައެވެ. އެގޮތުން އެމީހުންގެ އެންމެ ގާތް ކުޅުންތެރިންނަށް މެސެޖު ފޮނުވުމަށް ވީޑިއޯ ބޫތަކާއި ލިވަޕޫލް އެފްސީގެ ކުޅުންތެރިންގެ ލައިފް ސައިޒް ކަޓްއައުޓްތަކާއެކު ސެލްފީ ނެގުމުގެ ފުރުޞަތު އަދި ބޮޑު އެލްއީޑީ ސްކްރީނެއްގައި ދައްކާ ލިވަޕޫލް އެފްސީގެ އެކްސްކްލޫސިވް ކޮންޓެންޓް ބެލުމުގެ ފުރުޞަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. މި ހަރަކާތަކީ އެމްއެމްޕީއާރުސީއިން ލިވަޕޫލް އެފްސީއާއެކު ހެދި ޕާޓްނަޝިޕްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕާޓްނާޝިޕްގެ ދަށުން ރާއްޖެއަކީ އެ ކްލަބުގެ އޮފިޝަލް ޓުއަރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެވެ. މިއީ ދުނިޔޭގެ ކުޅިވަރުގެ މައިދާނުގައި ރާއްޖެއިން ހެދި މިބާވަތުގެ ފުރަތަމަ ޕާޓްނާޝިޕެވެ. މޯލްޑިވްސް ފުޑް ކާނިވަލަކީ ތަފާތު ކެއިންބުއިން ތަޖުރިބާކޮށް، މީހުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމަށް ބާއްވާ އިވެންޓެވެ. މިދިޔަ އަހަރު 30،000 އަށްވުރެ ގިނަ މީހުން ބައިވެރިވެ، 68 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވި މި ކާނިވަލަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިއަހަރު މި އިވެންޓް ބާއްވަނީ އިތުރު ޒޯންތަކާއެކުގައެވެ. އޭގެ ތެރޭގައި ފުޑް އެރީނާ، ފުޑް އެކްސްޕޯ، ފުޑް ސްޓްރީޓް، އާޓްސް އެންޑް ކްރާފްޓްސް މާކެޓް، އަދި އެކްޓިވިޓީ ޒޯން ހިމެނެއެވެ. އެމްއެމްޕީއާރުސީން ބުނީ ފުޑް ކާނިވަލްގައި ބާއްވާ ލިވަޕޫލް އެފްސީ ފޭން ޒޯންގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި ހަރަކާތްތަކުގެ މަޢުލޫމާތު އެ ކޯޕަރޭޝަނުގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން ފޭނުންނަށް ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ