ފެބްރުއަރީ މަސް ނިމުމުގެ ކުރިން ފުލެޓް ލިސްޓު އިއުލާނު ކުރެވޭނެ: ރައީސް މުޢިއްޒު

މި މަސް ނިމުމުގެ ކުރިން 'ގެދޮރުވެެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އިއުލާނު ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްދާ 4000 ފްލެޓް ނިންމުމާއި އަދި ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ 4000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ޞައްޙަކަން ބެލުމަކީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ.
އަދި މިހާރު ކުރަމުން ދަނީ ވައުދުވެވަޑައިގެންނެވި ގޮތަށް ގޯއްޗާއި ފްލެޓު ދޫކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށާއި ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ފްލެޓު ލިސްޓް އާންމުކުރެވޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވެފައި ވާއިރު އެ ޔަގީންކަން މިއަދުވެސް ވަނީ ދެއްވާފައެވެ.
Advertisement
މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ޞައްޙަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކާ ޙަވާލުކޮށް ނިންމާލެވޭނެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު
'ގެދޮރުވެރިޔާ' ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް އިވެލުއޭޓު ކުރުމުގެ ބަދަލުގައި ގެޒެޓުކޮށްފައިވާ ފައިނަލް ލިސްޓުގައިވާ މީހުން އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
"ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ. 
އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާންކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ