'ވޯ 2'އަށް ތަރަން ދިނީ އެންމެ ތަރިއެއް

އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ވޯ 2"އަކީ މިހާތަނަށް ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން ގެނެސްދިން އެންމެ ފެންވަރު ދަށް ފިލްމު ކަމަށް ފިލްމު އެނަލިސްޓު ތަރަން އާދަޝް ބުނެފިއެވެ. ރިތިކް ރޯޝަން އަދި ސައުތު ސިނަމާގެ ކާމިޔާބު އެކްޓަރު ޖޫނިއަ އެންޓީއާރް ލީޑް ރޯލް ކުޅުނު މި ފިލްމާ މެދު އުއްމީދުތަކެއް ކުރެވުނު ނަމަވެސް ފިލްމު ބެލުމަށް ފަހު ލިބުނީ މާޔޫސްކަން ކަމަށް ތަރަން އެކްސްގައި ފިލްމު ރިވިއުކޮށް ލިޔުނު ޕޯސްޓުގައި ވަނީ ބުނެފައެވެ. މި ފިލްމަކީ އަޔާން މުކަރުޖީ ސްޕައި ޔުނިވާސްއަށް ޑައިރެކްޓްކޮށްދިން ފުރަތަމަ ފިލްމެވެ. ފިލްމަކީ ވަރުގަދަ ކާސްޓުން ހިމެނުނު ފިލްމެއް ކަމަށް ވިޔަސް ފިލްމުގައި ގެނެސްދިން ސްޓަންޓްތަކާއި ފިލްމު ގެނެސްދިން ސްޓައިލްގެ ފެންވަރު ދަށްވުމުގެ ސަބަބުން ރިތިކް އާއި ޖޫނިއާ އެންޓީއާރް ފަދަ އޭ ލިސްޓު ތަރިންނަށް ވެސް ބެލުންތެރިންގެ ހިތް ފަތަހަކޮށް ނުލެވުނު ކަމަށް ތަރަން ވަނީ ބުނެފައެވެ. ޓްރޭޑް އެނަލިސްޓު ތަރަން އާދާޝް ޕޯސްޓުކޮށްފައިވާ ފިލްމު "ވޯ 2"ގެ ރިވިއު--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމުގެ ފުރަތަމަ ހާފުގައި ބެލުންތެރިން ޝައުގުވެރި ކުރުވި މަންޒަރުތަކެއް ފެނުނު ނަމަވެސް އިންޓަވަލްއަށް ފަހު ގެނެސްދިން ދެވަނަ ހާފުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށް ތަރަންގެ ރިވިއުގައި ވަނީ ސިފަކޮށްފައެވެ. އަޔާން މުކަރުޖީގެ ފިލްމަކާ އަޅާ ބަލާއިރު ފިލްމުގެ ވިޝުއަލް އެފެކްޓްސް ވެސް ގެނެސްދީފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި ރިތިކްއަށް ވުރެ ބޮޑަށް ޖޫނިއަ އެންޓީއާރްގެ ރޯލް ގެނެސްދިން ގޮތުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށް ގިނަ ފިލްމުތަކެއް ރިވިއުކޮށްދޭ ޓްރޭޑް އެނަލިސްޓު ވަނީ ބުނެފައެވެ. ރިތިކް ފިލްމުގައި ކުޅުނު ރޯލް ޝައުގުވެރިވި ނަމަވެސް ޖޫނިއާ އެންޓީއާރްއަކީ އެކްޓަރުގެ ކެރިއަރުގައި ވަރަށް ވަރުގަދަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިން ތަރިއަކަށް ވުމުން ޖޫނިއާ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމުން އެ ޖާދޫ ނުދެއްކުނު ކަމަށް ތަރަން ވަނީ ބުނެފައެވެ. ޚާއްސަކޮށް ފިލްމުގެ ދެވަނަ ހާފް ގެނެސްދިނީ ވަކި އަމާޒެއް ނެތި ފިލްމުގެ ވާހަކައިގެ ފޯކަސް ގެއްލޭ ގޮތަށް ކަމަށް ތަރަން އެކްސްގައި ކުރި ރިވިއުގައި ވަނީ ބުނެފައެވެ. ބަތަލާ ކިއާރާ އަދުވާނީ، އަނިލް ކަޕޫރު، ސޯނީ ރަޒްދާން އަދި އަޝުތޯޝް ރާނާ މުހިންމު ރޯލުތަކެއް ކުޅެފައިވާ މި ފިލްމަކީ ސްޕައި ޔުނިވާސްއިން މި އަހަރު ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ފިލްމެވެ. މި ފިލްމު ރިވިއުކުރުމަށް ފަހު ތަރަން ފިލްމަށް ދީފައިވަނީ އެންމެ ތަރިއެކެވެ. ސްޕައި ޔުނިވާސްއިން ދެން އެންމެ އަވަހަށް ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވަނީ ބަތަލާ އާލިއާ ބަޓް އަދި ޝަރުވަރީ ވާގް މުހިންމު ރޯލުން ފެންނާނެ ފިލްމު "އަލްފާ"އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ