66 އަހަރުގެ ސަންޖޭ ކޮންމެ ދުވަހަކު ހަ ފަހަރަށް ކައި

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަށް ފިލްމީ ތަރިން ސިއްހަތަށް ބަލައިގެން ދުވަހުގެ ކެއުންތައް ތާވަލުކުރި ނަމަވެސް އެކްޓަރު ސަންޖޭ ދަތުގެ އަމަލުކުރަނީ އެއާ މުޅިން އިދިކޮޅަށެވެ. އިއްޔެ އުމުރުން 66 އަހަރު ފުރުނު އެކްޓަރު ބުނި ގޮތުގައި ކޮންމެ ދުވަހެއް ނިމޭއިރު ހަ ވައްތަރުގެ ކެއުން ސަންޖޭ ކައެވެ. އެގޮތުން، ދުވަސް ފެށުމުގެ ގޮތުން ކޮންމެ ވެސް ވައްތަރެއްގެ މިއުސްލީއެއް ސަންޖޭ ކައެވެ. އެ ހިސާބުން އަދި އެކްޓަރުގެ ހެނދުނުގެ ނާސްތާ ނިމުނީއެއް ނޫނެވެ. އެއަށް ފަހު، ބިހުގެ ހުދު ބައިން ތައްޔާރުކޮށްފައިވާ ބިސްގަނޑަކާއި އެވަކާޑޯއެއް ކާލައެވެ. އޭގެ އިރުގަނޑެއް ފަހުން ސަންޖޭގެ ހެނދުނުގެ ނާސްތާ ނުވަތަ ކެއުން ނިންމާލަނީ ކޮންމެ ވެސް ވައްތަރެއްގެ ސެލެޑަކާއި މޭވާ އަދި ފެނު ކައްކާފައި ހުންނަ ކުކުޅުންނެވެ. ސަންޖޭ އަންހެނުން މާނަޔަތާ ދަތު އަދި ދެ ކުދިންނާ އެކު. ސަންޖޭގެ ފުރަތަމަ ކައިވެންޏަށް އަންހެން ކުއްޖަކު ވެސް ލިބިފައިވޭ--ފޮޓޯ/ހިންދުންސްތާން ޓައިމްސް ކާލީ ޓޭލްސް ޝޯގައި ވާހަކަދައްކަމުން ސަންޖޭ ބުނީ، ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހަކަށްވުމުން ކަސްރަތު ކުރަން ޖިމްއަކަށް ގޮސް ހަށިގަނޑު ފިޓުކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، ސަންޖޭގެ ދުވަހުގެ ކެއުންތަކުގައި ހިމަނާ ކެއުމުގެ ބާވަތްތަކަކީ ބޮޑަށް ޕްރޮޓީންގެ މާއްދާއިން މުއްސަނދިވެފައިވާ ބާވަތްތަކެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ސަންޖޭގެ ކެއުމަކީ ޑައިޓް ކެއުންތައް ކަމަށްވިޔަސް އޭނާއަކީ ވެސް ހަފުތާގެ ކޮންމެ ވެސް އެއް ދުވަހަކު 'ޗީޓް މީލް'އަކަށް އިންސާފުކުރާ އެކްޓަރެއް ކަމަށް ވަނީ ބުނެފައެވެ. އެ ދުވަސް ޚާއްސަކުރަނީ ސަންޖޭއަށް އެންމެ މީރު ކެއުންތައް ކަމަށްވާ ބިރިޔާނީއާއި ކެބާބް ކެއުމަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ކުރިން 2017 ވަނަ އަހަރު އޭތެންސްގެ އެގްރިކަލްޗަ ޔުނިވަސިޓީގެ ޑރ. އެމީލިއާ ނެރުނު ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު ވެސް ހަ ވައްތަރުގެ ކެއުމަށް އިންސާފުކުރުމަކީ އެއީ މައްސަލައެއް ނޫނެވެ. އެއީ، މީގެ ކުރިން ވެސް ވަރަށް ގިނަ މީހުން އަމަލުކުރަމުން އަންނަ ގޮތެއް ކަމަށާއި އެގޮތަށް ކެއުން ބަހައްޓާއިރު ތަންކޮޅެއް ދޭތެރެ ދުރުކުރުމަށް ފަހު ކެއުމަށް ސަމާލުކަންދިނުމަށް އެ ދިރާސާގައި ވަނީ އަލިއަޅުވާލާފައެވެ. މުޅި ދުވަހުގެ ކެއުމުގައި ހިމަނާ ކެލޮރީސްގެ މިންވަރު އެއް ވަރަކަށް ހިފަހައްޓާލުމަކީ ހަށިގަނޑުގެ ލޭގެ ހަކުރު ކޮންޓްރޯލްކޮށްދީ އަވަސް އަވަހަށް ހައިކަން އިހުސާސްވުމުން ދުރުކޮށްދޭ ކަމެއް ކަމަށް އެމީލިއާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ