މަޖިލިސް ކެމްޕެއިނަށް ރައީސް މުއިއްޒު މައްޗަންގޯޅީގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލައިގެން އުޅޭ އަހްމަދު ޒަމީރާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮރުން ދޮރަށް ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފިއެވެ.
މައްޗަންގޯޅި މެދު ދާއިރާގެ ގެތަކަށް ޒިޔާރަތްކުރައްވާ މި ދެބޭފުޅުން ވަޑައިގަންނަވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ އިހްސާސްތައް އަޑުއައްސަވަމުންނެވެ. ޒަމީރުގެ ކެމްޕެއިން ހަރަކާތުގައި ރައީސް މުއިއްޒު ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވާފައިވާ އިރު، ކޮންމެ ރެއަކު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވައެވެ. އަދި ޖަގަހަ ތަކުގައި ބާއްވާ ޖަލްސާތަކުގައި އެމަނިކުފާނު ވާހަކަފުޅު ވެސް ދައްކަވައެވެ.
ޒަމީރަކީ މާލޭ ސިޓީ ކައުންސިލްގެ ދެ ދައުރުގައި ކައުންސިލަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފުރަތަމަ ދައުރުގައި ޒަމީރު މައްޗަށްގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު މެންބަރުކަން އަދާކުރެއްވި އިރު، މިހާރު އޭނާ ހުންނެވީ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުގެ މަގާމުގައެވެ.
މައްޗަންގޯޅި މެދު ދާއިރާއަށް ޒަމީރު ކުރިމަތިލައްވާފައި ވާއިރު، އޭނާ ބުނާ ގޮތުގައި އެ ދާއިރާގެ ކައުންސިލް މެންބަރުކަމުގައި އުޅުއްވުމުން އެ ދާއިރާއަށް އެންމެ ބޭނުންވާ ކަންކަން އެގިވަޑައިގަންނަވައެވެ. އެ ދާއިރާގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ކޮށް ދެއްވުމަށާއި، އަދި ދާއިރާގައި ހުރި މައްސަލަތައް ހައްލު ކޮށް ދިނުމަށް ފުރިހަމަ އެއްބާރުލުންދީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް އޭނާ މަޖިލީހަށް ކުރިމަތިލީ ފުރިހަމަ އަޒުމަކާ އެކީގައެވެ.
ރައިސް ޑރ. މުއިއްޒު މާލޭގައި މައްޗަންގޯޅި މެދު ދާއިރާގެ ގެތަކަށް ޒިޔާރަތްކުރަމުން އަންނަ އިރު، އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ވެސް އަންނަނީ މި ވަގުތު ކެމްޕެއިންގެ ދޮރުން ދޮރަށް ހަރަކާތް ހިންގަމުންނެވެ. އެ ގޮތުން ހއ. އިހަވަންދޫގައި ދޮރުން ދޮރުން ކެމްޕެއިނުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެ ދާއިރާއަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓް މުހައްމަދު އާރިފް އަންނަނީ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުޑަތަން ވެފައިވާ އިރު، ސިޔާސީ ޕާޓީތަކުން އަންނަނީ ވަރަށް ފޯރިއާ އެކީ ކެމޕެއިން ހަރަކާތްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ