އިނގިރޭސީން ތިބީ އިޒްރޭލާ އެކު, އީރާނަށް ހަމަލާ ދޭން ވާނީ ސްމާޓްކޮށް: ކެމަރަން

އީރާނުން އިޒްރޭލަށް ހަމަލާ ދިނުން ކުށްވެރި ކޮށް ވާހަކަ ދެއްކެވުމަށް ފަހު އިޒްރޭލާއެކު އިނގިރޭސިން ތިބިކަން ހާމަ ކުރެއްވުމަށް އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އިޒްރޭލަށް ވަޑައިގެން ހިއްތަވަރު ދެއްވައިފިއެވެ.
ބޮޑުވަޒީރު ނަތަންޔާހޫ އައްދަލު ކުރެއްވުމަށް ފަހު ކެމަރަން ވިދާޅުވީ އިޒްރޭލުން ކަންކުރާނެ ގޮތް ނިންމުމަކީ އިޒްރޭލުގެ އަމިއްލަ ކަމެއް ކަމަށާއި އަމިއްލަ ދިފާއު ހޯދުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް އޮތް ކަމަށެވެ. އަދި އިނގިރޭސީން ތިބީ އިޒްރޭލާ އެކުގައި ކަމަށާއި އީރާނަށް ހަމަލާއެއް ދޭންވާނީ ސްމާޓް ކޮށް އަދި ލިމިޓެޑް [ވަކި މިންވަރަކަށް ނުވަތަ ވަކި ގޮތަކަށް[ ކަމަށެވެ.
އެއާއެކު އޭނާ ވިދާޅުވަނީ ހަމަނުޖެހުން ފުޅާވެގެން ދިޔުމަކީ ދެފަރާތުން ކުރެ ފަރާތަކުން ބޭނުންވާ ކަމެއް ނޫން ކަމަށާއި އިޒްރޭލުގެ ބައިވެރިންނަށް ވެސް އެވާހަކަ ދަންނަވާފައި ވާނެ ކަމަށެވެ.
މި ބައްދަލުވުމަށް ފަހު ނަތަންޔާހޫ ބުނީ, އީރާނު މައްސަލައިގައި ކަން ކުރާނެ ގޮތް ނިންމާނީ އިޒްރޭލުން ކަމަށާއި އިޒްރޭލުގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ހަނގުރާމަ ފުޅާވެގެން ހިނގައިދާނެތީ ޔޫރަޕާއި އެމެރިކާއިން ކަނބޮޑުވާ މިންވަރު އެނގޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ކެމަރަން ގެ މި ޒިޔާރަތުގައި އިޒްރޭލުން ހިފާފައި ވާ ހުޅަނގު އައްސޭރިއަށް ވަޑައިގެން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ އާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިޒްރޭލު ދިފާއު ކުރުމުގައި ހުޅަނގާއި އެމެރިކާއިން ގަދަކޮށް ތިބި އިރު, މިހާރު މަސައްކަތް ކުރަމުން ދަނީ އިޓަލީގައި ޖީ7 ގެ ގައުމުތަކުގެ ވެރިން ބައްދަލު ކުރައްވައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރުމަށެވެ. ޖީ7 އިން އެ މަޝްވަރާތަކަށް ދާއިރު އިޒްރޭލުން ބޭނުންވަނީ އީރާނުގެ ރިވޮއިލުޝަނަރީ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ