ބާޗީގެ އެންމެ ފަހުގެ މައުރަޒު ހާއްސަކުރީ ބައްޕަގެ ހަނދާނަށް

ގައުމީ އާޓް ގެލެރީގައި މި މަހު 4ގައި ހުޅުވި 'ރާއްޖެ' އަކީ އާޓިސްޓު އަހުމަދު އަޒްމީ (ބާޗީ)އަށް ވަރަށް ހާއްސަ ކުރެހުންތަކެއް ދައްކާލާ މައުރަޒެކެވެ.
ބާޗީގެ ބައްޕަ މަރުހޫމް ހަސަން ހަލީމްގެ ހަނދާނަށް ހާއްސަކޮށްފައިވާ މި މައުރަޒުން ފެންނަނީ ތަރައްގީވެ ތޮއްޖެހުމުގެ ކުރިން ފެނުނު ހަގީގީ ސާދާ ރާއްޖެ އެވެ. އާދައިގެ އަދި ސާދާ ދިރިއުޅުމެއް އުޅެމުން އައި ދިވެހިންގެ މަންޒަރުތަކެވެ. މި މައުރަޒުން، އިހުގެ ފޮޓޯތަކުގެ ތެރޭގައި ފޮރުވިފައިވާ ވާހަކަތަކަށް ދިރުން ގެނެސްދީ، ކަޅާއި ހުދުގެ މިކްސްޑް މީޑިއާ ކުރެހުންތަކުން އަލުން ދައްކާލަ އެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ނެޝަނަލް ސެންޓަ ފޯ ދި އާޓްސްގެ އިސް ވެރިންނާއި އާޓިސްޓުން ބައިވެރިވި އެވެ. މައުރަޒު ހުޅުއްވައިދެއްވީ ޝަރަފުވެރި މެހުމާނު އަދި މައުރަޒުގެ ސްޕޮންސަރެއް ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދުރީސް އެވެ.
'ރާއްޖެ' މައުރަޒުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކުން ދޭ އެއްބާރުލުމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެ އެވެ. އެއީ:
 ޕޭޓްރޮން އޮފް އާޓް - ރާއްޖޭގެ އާޓް ދާއިރާއަށް އެކި ފަހަރުމަތީން ހިތްވަރު ދީ ގަވައިދުން އެހީތެރިވަމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދުރީސް.
'ރާއްޖެ' މައުރަޒަށް އެހީތެރިވެދިން އަދި ރާއްޖޭގައި ބާއްވާ ކުރެހުމުގެ އެކި މައުރަޒުތަކަށް ގަވައިދުން ހިތްވަރުދޭ މުވައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް ފާހަގަކޮށް ދިން ހަނދާނީ ލިޔުން
"'ރާއްޖެ' މައުރަޒަށް އިންސްޕިރޭޝަން ލިބުނީ އަޅުގަނޑުގެ ބައްޕަ ހަސަން ހަލީމް 'ރާއްޖެ' އެތައް އަހަރެއް ވަންދެން އެއްކޮށްފައިވާ ކުރީގެ ފޮޓޯތަކުން. ބައްޕަ ރައްކާކޮށްފައި ހުރި ފައިލްތައް ލިބުމުން، ބައްޕަގެ ޝައުގުވެރިކަމަށް އިހުތިރާމް ކުރުމުގެ ޒިންމާ އަޅުގަނޑަށް އިހުސާސް ކުރެވުނު،" ބާޗީ ބުންޏެވެ.
މި ކުރެހުންތަކުގައި ބޭނުންކޮށްފައިވާ ގިނަ ރިފަރެންސް ފޮޓޯތަކަކީ ބާޗީގެ ބައްޕަގެ އަމިއްލަ ކަލެކްޝަންގެ ތެރޭގައި ހިމެނޭ ފޮޓޯތަކެއް ކަމަށް ބާޗީ ބުންޏެވެ. އަދި އަނެއްބައި ފޮޓޯތަކަކީ ދިވެހިންގެ ތާރީހު ރައްކާތެރިކޮށް ދެމެހެއްޓުމަށް ތާރީހު ދިރާސާ ކުރަމުން އަންނަ ނާޖިހު ދީދީ ނަގާފައިވާ ފޮޓޯތަކެކެވެ.
މިއީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ބާއްވާ މައުރަޒެއް ކަމަށް ވެސް ބާޗީ ބުންޏެވެ.
"މި ކުރެހުންތަކުގެ ޒަރިއްޔާއިން އަޅުގަނޑު އުންމީދު ކުރަނީ މާޒީގެ ކަންކަން މިހާރުގެ ތެރެއަށް ގެނެސް، ބެލުންތެރިންނަށް އަޅުގަނޑުމެންގެ އަސްލަކީ ކޮބާކަން ވިސްނާލާ، ހަނދުމަކޮށްލަން އެދޭ މައުރަޒެއް،" އޭނާ ބުންޏެވެ.
'ރާއްޖެ' މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގަ ބާޗީ ވަނީ ވަރަށް ހާއްސަ ކަމެއް އިއުލާން ވެސް ކޮށްފަ އެވެ. އެއީ އާޓް ފައުންޑޭޝަން 'ހަސަން ހަލީމް'ގެ މަސައްކަތް އޭނާ ފަށާފައިވާ ކަމާއި ވަރަށް އަވަހަށް އެ ފައުންޑޭޝަން ހުޅުވާނެ ކަމަށެވެ.
ރާއްޖޭގެ ތާރީހީ ފޮޓޯތައް އެއްކޮށް، ރައްކާތެރިކޮށް ބެލެހެއްޓުމުގައި އެތައް އަހަރެއް ހޭދަކުރެއްވި ހަސަން ހަލީމްގެ ހަނދާނުގައި އުފެއްދި އެ ފައުންޑޭޝަންގެ މަގުސަދުތައް ވެސް ބާޗީ ކިޔައިދިނެވެ. އެއީ ކުރިއަރަމުން އަންނަ ދިވެހި އާޓިސްޓުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، އާޓިސްޓުންނަށް އެހީ އާއި 'މެންޓަޝިޕް' އަދި 'ޑިވެލޮޕްމެންޓް ޕްރޮގްރާމް'ތައް ހިންގުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެހުމުގެ މައުރަޒުތަކާއި 'އާޓިސްޓިކް ޕްރޮޖެކްޓް'ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގެ ސަގާފީ އަދި ފަންނުވެރިކަމުގެ ތަރިކަ ރައްކާތެރިކުރުމަށް އެހީތެރިވެދިނުމެވެ.
'ރާއްޖެ' މައުރަޒު ގައުމީ އާޓް ގެލެރީގައި ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ