ފްރާންސުން ފަސޭހައިން ސްވިޑެންގެ މައްޗަށް ކުރިހޯދައި ވޯލްޑް ކަޕްގެ ގަދަ 16 އަށް

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 1) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ފުރަތަމަ ބުރުގައި، ސްވިޑެން އަތުން 3-0 އިން މޮޅުވުމަށް ފަހު މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވޭ ފްރާންސުން މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ. 
ގަދަ 16 ބުރުގައި ފްރާންސް އިން ކުޅެނީ ޕެރަގުއޭއާ އެވެ. ޕެރަގުއޭ އިން ގަދަ 16 ބުރަށް އައީ ނޮކައުޓް ފުރަތަމަ ބުރުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކުރުމަށް ފަހު އެވެ. 
ނިއު ޔޯކް، ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ ވަގުތުތަކުގައި ސްވިޑެން އިން ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ކުރިއަށް ކުޅޭ އަލެކްސަންޑަ އިސާކް އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅައިގައި ބާރެއް ނެތްއިރު، ފްރާންސްގެ ކީޕަރު، މައިކް މައިންނޯން އަތަށް ނެގި އެވެ. 
ދެން ފެނިގެންދިޔައީ މެޗު ކުރިއަށްދިޔަ ވަރަކަށް ފްރާންސް އިން ފުލުފުލުގައި އެޓޭކް ކުރަމުންދިޔަ ތަނެވެ. އެ ގޮތުން، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، އޭނާ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އަދި، ފްރާންސްގެ ތަރި، މައިކަލް އޮލީސޭ، އޯވަހެޑް ކިކަކުން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ރީބައުންސަށް އައި ވަގުތު އޮސްމާން ޑެމްބެލޭ ޖެހި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. 
ފްރާންސްގެ އެޑްރިއަން ރަބިއޯ އާއި އޮލީސޭ އަދި، އެމްބާޕޭ ފޮނުވާލި ޝޮޓްތަކެއް ސްވިޑެންގެ ކީޕަރު، ޖޭކަބް ވިޑެލް ޒެޓާސްޓްރަމް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 44 ވަނަ މިނިޓްގައި ޑެމްބެލޭ ދިން ބޯޅައަކުން އޭރިއާތެރެއިން އަވަސް ކުޅުމަކަށް ފަހު، ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން، އެމްބާޕޭ، ފްރާންސަށް ފުރަތަމަ ލަނޑު ޖަހައިދިނެވެ. 
އޭގެ ފަހުން، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ސްވިޑެން އިން އެޓޭކްތަކެއް ކޮށް އެއްވަރުކުރަން ކުރި މަސައްކަަތް ވީ ނާކާމިޔާބެވެ. 
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާ ލަސްތަކެއް ނުވެ، ފްރާންސް އިން ލީޑުފުޅާކުރި އެވެ. މިއީ، ދެ ވަނަ ހާފުގެ އަށް ވަނަ މިނިޓްގައި، ބްރެޑްލީ ބާކޮލާ ޖެހި ގޯލެކެވެ. މެޗުގެ 53 ވަނަ މިނިޓްގައި ބާކޮލާ ލަނޑު ޖެހި އޮލީސޭ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ބާކޮލާގެ ދެ ވަނަ ގޯލެވެ. 
ދެ ގޯލުގެ ލީޑަކާ އެކު މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު ފްރާންސް އިން 74 ވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، އޮލީސޭ ދިން ހިތްގައިމު ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ. މި ލަނޑާ އެކު، އެމްބާޕޭ ވަނީ މި ވޯލްޑް ކަޕްގެ ލަނޑު ލިސްޓުގެ ކުރިގައި އޮތް ލިއޮނަލް މެސީއާ އެއްވަރުކޮށްފަ އެވެ. މެސީ އާއި އެމްބާޕޭ ވަނީ ޖުމްލަ އެކު ހަ ލަނޑު ޖަހައިފަ އެވެ. 
އިތުރު ލަނޑެއް ޖަަހަން ފްރާންސްގެ ބާކޮލާ އާއި ޑެޒީރޭ ޑޫއޭ ފޮނުވާލި ބޯޅަތައް ސްވިޑެންގެ ކީޕަރު ޒެޓާސްޓްރަމް ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން، މެޗުގައި ލަނޑެއް ޖަހަން ސްވިޑެންގެ ވިކްޓަ ޔޯކެރޭޝަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ފްރާންސްގެ އޭރިއާތެރެއިން ޔޯކެރޭޝް ޖެހި ބޯޅަ ފްރާންސް ކީޕަރު މައިންނޯން ވަނީ މަތަކޮށްފަ އެވެ.  
މެޗުގެ އިތުރު ވަގުތުގައި ފްރާންސްގެ ފޯވާޑް، ޖިއަން ފިލީޕް މަޓޭޓާ އަށް އޭރިއާތެރެއިން ގޯލަށް ފޮނުވާލަން ލިިބުނު ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ