ސިޔާސީ މުވައްޒަފުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރަން ރައީސް ނިންމަވައިފި

ސިޔާސީ މަގާމުތަކުގެ މުސާރައިގެ ދިހަ އިންސައްތަ ކުރިއަށް އޮތް އަހަރުން ފެށިގެން އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. 
ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރަަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ. 
އެގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 
އަދި ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުވެގެން ދެވޭނެ މުސާރައަކީ 90،000 ރުފިޔާކަމަށް ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު ބައެއް ކުންފުނިތަކުގެ ވެރިންނަށް މުސާރައިގެ ގޮތުގައި އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބެމުންދެ އެވެ. 
އޭގެ އިތުރަށް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުއީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން %10 އުނިކުރުމަށް ހުށަހަޅުއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ. 
އެހެންނަމަވެސް 12،000 ރުފިޔާއަށްވުރެ ދަށުން މުސާރަ ލިބޭ ފަރާތްތައް މިފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ. 
އޭގެ އިތުރަށް ރައީސްވަނީ އެ މުއްދަތުގައި އެމަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ ނުވަތަ ބައިލައްކަ ރުފިޔާ ނުނެންގެވުމަށް ނިންމަވާފަ އެވެ. މި ފިޔަވަޅުތައް އަޅުއްވަން ގަސްތުކުރައްވަނީ ދެ އަހަރުގެ މުއްދަތަކަށް ކަމުގައި ރައީސް ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ