ހިރާއްޖޭގެ ޑިޖިޓަލް ތަރައްޤީގެ މައިގަނޑު ބާރުވެރިން ކަމުގައި އަންހެންކުދިން ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ "އިންޓަރނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގަ އެވެ.
މި އަހަރުގެ މި ދުވަހުގެ ޝިޢާރަކީ "އޭއައި ފޯރ ޑިވެލޮޕްމަންޓް: ގާރލްސް ޝޭޕިންގ ދަ ޑިޖިޓަލް ފިއުޗަރ" އެވެ. ރައީސްގެ މެސެޖުގައި މި ޝިޢާރާއި ދިވެހި ސަރުކާރުން ޓެކްނޮލޮޖީއަށް ދޭ އިސްކަމާ ހުރި ގުޅުން ފާހަގަކުރައްވައި، ސަރުކާރު ހިންގުމާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ހަރުދަނާކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދާކުރާ މުހިއްމު ދައުރަށް އަލިއަޅުއްވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އޭއައިގެ ތަރައްޤީގައި އަންހެން ކުދިން ޝާމިލުވުމަކީ ހަމައެކަނި ބައިވެރިވުމެއް ނޫނެވެ. އެއީ މުޖުތަމަޢުގެ ހަމަހަމަކަމަށްޓަކައިވެސް މުހިއްމު ކަމެއް ކަމަށާއި، އޭގެ ސަބަބުން މިންތީގެ ފަރަގު ކުޑަކޮށް، ކުރިއަރަމުންދާ ޑިޖިޓަލް ތަރައްޤީގައި އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، އައިސީޓީ ދާއިރާގައި ކުރިން އަންހެނުންގެ ހިއްސާ މަދު ދާއިރާތައް ކަމަށްވާ ރޮބޮޓިކްސް، އޭއައި، ކޮމްޕިއުޓަރ ޕްރޮގްރާމިން އަދި ޑިޖިޓަލް އިޤުތިސާދުގައި އަންހެން ކުދިންނަކީ ބަސްކިޔޭފަދަ ބާރުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެ ވެ. އެމަނިކުފާނު ވިދާޅުވީ އަންހެން ކުދިންނަކީ ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ އިތުރުން، އެ ދާއިރާގައި އުފެއްދުންތެރި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
މި މުނާސަބަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މެސެޖެއް ދެއްވާފައެވެ. އެކަމަނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި، ޓެކްނޮލޮޖީއާއި އައިސީޓީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ގޮވާލެއްވި އެވެ. އަދި އައިސީޓީ ދާއިރާގެ ކުރިމަގު ބިނާކުރަންވާނީ އެންމެންގެ ހިއްސާ ހަމަހަމަވާ ގޮތަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، އޭއައި ތަރައްޤީ ކުރުމުގައި އަންހެންކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވަމުންނެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް އަންނަ ބަދަލުތަކުގައި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިވެފައިވާ ދުނިޔެއެއް ދެކެވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޑިޖިޓަލް ތަރައްޤީގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ