ފުއްގިރީގެ މައްސަލައިން ތަނާޒުލް ވާންޖެހޭ ސަބަބެއް ނެތް: ގާޒީ ނަދީމު

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައާއި ކްރިމިނަލް ކޯޓުގައި މިހާރު ހަވާލުވެހުންނެވި ގާޒީ އަލީ ނަދީމް އަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ގާނޫނީ ވަކީލުކުރަން ކުރެއްވި ބޭފުޅެއް ނަމަވެސް، މި މައްސަލައިން ތަނާޒުލްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެއްޖެ އެވެ.މި މައްސަލައާއި މީގެ ކުރިން ހަވާލުވެ ހުންނެވީ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެވެ. މައްސަލަ އަހަރަކަށްވުރެ ގިނަ ދުވަހު ހުއްޓިފައި އޮއްވާ އިސް ގާޒީ މައްސަލައިން ތަނާޒުލްވުމުން ދެން މައްސަލަ އާއި ހަވާލުވެވަޑައިގަތީ ގާޒީ އަލީ ނަދީމް އެވެ. މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމުގައި، ދިފާއީ ވަކީލުން ވަނީ މި މައްސަލައިގައި ގާޒީ ނަދީމްގެ މަސްލަހަތު ފުށުއަރާތީ ތަނާޒުލްވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ސަބަބެއް ކަމަށް ބުނީ މި މައްސަލައިގައި ދައުލަތުގެ ހެއްކެއް ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވުމެވެ.ދިފާއީ ވަކީލުންގެ ވާހަކަތަކާ މެދު ވިސްނަވާނެ ކަމަށް އެ އަޑުއެހުމުގައި ނަދީމް ވިދާޅުވެފައިވާއިރު އެކަމާ ގުޅޭ ގޮތުން ނިންމެވި ގޮތް އިއުލާނުކުރައްވަމުން ނަދީމް އިއްޔެ ވިދާޅުވީ މަސްލަހަތު ފުށުއަރާ ސަބަބެއް ނެތް ކަމަށެވެ."ދައުވާ ލިބޭ އެއްވެސް މީހެއްގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެއް ނުވާނެ. އެހެންވެ، މަސްލަހަތު ފުށުއެރުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން" ގާޒީ ނަދީމް ވިދާޅުވި އެވެ.ގާޒީ މީގެ ކުރީގެ އަޑުއެހުމުގައި ވިދާޅުވެފައި ވަނީ އަދީބުގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ މީގެ ހަތް އަހަރު ކުރިން ބަންދު މުރާޖާ މަޖިލީހަކަށް ކަމަށެވެ. މައްސަލައިގައި ހެކިވެރިޔަކަށް ގާނޫނީ ހިދުމަތެއް ދީފައި އޮތުމަކުން މަސްލަހަތު ފުށުއަރާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.އިއްޔެގެ މަޖިލީހުގައި ދެން ދިފާއުން ވާހަކަދެއްކީ އަލުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި ހެކި ހުށަހަޅަން ފުރުސަތު ދިނުމަށެވެ. އެކަމަކު ގާޒީ ވިދާޅުވެފައި ވަނީ އާ ހެކި ހުށަހަޅަން ބޭނުންވާނަމަ އިފްތިތާހީ ބަޔާން އިއްވާއިރު އެފުރުސަތު ލިބިގެންދާނެ ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި ހުށަހެޅުންތަކާމެދު ގާޒީ ނިންމަވާ ގޮތް އިއުލާނުކުރައްވާނެ އެވެ. މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ. ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ކްރިމިނަލް ކޯޓުން އާރަށު މައްްސަލައިގައި ހުކުމްކުރީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. މި ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ