ރާއްޖޭގެ ސިއްހީ ދާއިރާގެ ދިރާސާތައް ހިމެނޭ ފޮތެއް އާންމުކޮށްފި

ރާއްޖޭގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް ހިމެނޭ ފޮތެއް މިއަދު ނެރެފި އެވެ."ކޮމްޕޮންޑިއަމް އޮފް ހެލްތު ރިސާޗް އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ފޮތުގައި 2018-2021 ވަނަ އަހަރާ ދެމެދުގެ ރިސާޗްތައް އާއްމުކޮށްފައިވެ އެވެ.އެ ފޮތުގައި 30 އަށް ވުރެ ގިނަ ސިއްޙީ ދިރާސާތަކުގެ އެބްސްޓްރެކްޓް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި، ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކަށް ފަރުވާދިނުމާއި، ސިއްހީ ހިދްމަތްތައް ފަދަ މައުލޫތަކަށް ހެދިފައިވާ ދިރާސާތައް ހިމެނޭ ކަމަށެވެ އަދި ކޮވިޑް-19އާ ގުޅޭގޮތުން ފާއިތުވި 2 އަހަރުގެ ތެރޭގައި ހެދިފައިވާ ދިރާސާތައްވެސް އެ ފޮތުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.ހެލްތް މިނިސްޓްރީއިން ބުނީ އެ ފޮތުގެ ޒަރިއްޔާއިން ސިއްޙީ ދިރާސާކުރާ ފަރާތްތަކަށާއި ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޭނުންތެރި، ފެންވަރު ރަގަޅު ދިރާސާތަކެއް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.އެ ފޮތް ނެރެދެއްވީ، ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.އެ ރަސްމިއްޔާތުގައި ނަސީމް ވިދާޅުވީ ސިއްހީ ދާއިރާއާ ގުޅޭ ދިރާސާކުރުން އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިއްމު ކަމަށެވެ. އަދި އެފަދަ ހޯދުންތަކުގެ އަލީގައި ބަލިމަޑުކަމުން ރައްކާތެރިވުމަށާއި ބަލިތަކުން ފަރުވާ ހޯދޭނެ ގޮތްތައް ދެނެގަނެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތްތައް އެނގިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ ސިއްހީ ދިރާސާކުރުމުގެ ގާބިލްކަމާއި ހުނަރު ހުރި މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ. ނަމަވެސް އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި ފަސޭހަކަމާ އެކު އިތުރު ވަސީލަތްތަކާއި ފަންޑިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށް ނަސީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ