ތިން ދުވަސް ތެރޭގައި މުސްއަބަށް 1.1 މިލިއަން ރުފިޔާ ދިނުމަށް އަމުރު ކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުالله އަށް, ތިން ދުވަސް ތެރޭގައި 1.1 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ. ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ވަނީ ނިންމައިފިއެވެ. ގާނޫނާ ޚިލާފަށް މުސްއަބު ވަޒީފާއިން ވަކިކުރި ނަމަވެސް އޭނާ ކުރިން ވަޒީފާއަށް އަނބުރާ އިޔާދަކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ސަބަބަކީ އޭނާ ކުރިން ހުރި ވަޒީފާއަށް އެހެން މީހަކު ހަމަޖައްސާފައި ވުމެވެ. އެހެންކަމުން ހައި ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި އޭނާއަށް 1,187,766.60ރ. ދިނުމަށެވެ. ހައި ކޯޓުގެ ހުކުމަށް ސީއެސްސީން ތަބާވެފަ ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް މުސްއަބްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެގޮތުން ސީއެސްސީން ބުނެފައިވަނީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ބޭނުންވާ ކަމަށާއި އެހެންކަމުން ހުކުމް ތަންފީޒު ކުރަން މަޑުޖައްސާލަދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރަން ލަސްކުރަން މަތީ ކޯޓަކުން އަމުރު ނުކުރާހާ ހިނދަކު އެ ހުކުމަށް ތަބާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން މުސްއަބަށް ލިބެންޖެހޭ 1.1 މިލިއަން ރުފިޔާ ސިވިލް ކޯޓާ ހަވާލުކުރުމަށް ސީއެސްސީގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ. އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކުރީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑު ކުރީ 29 މެއި 2019ގަ އެވެ. އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ މުސާރަ ލިބޭ ގޮތަށް ނަމަވެސް، ފަހުން ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރިއެވެ. މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސާވިސްގެ ގާނޫނާއި، ސިވިލް ސާވިސްގެ ގަވައިދާއި، ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެފައިވާ ކަމަށް ބުނެ އޭނާ މަގާމުން ވަކި ކުރީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކި ކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑު ކުރި މުއްދަތުން ފެށިގެން ލިބެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ މުސާރައާއި އިނާޔަތް ހޯދުމަށާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ކުރަން ޖެހުނު ޚަރަދު ހޯދަން އޭނާ ވަނީ ސިވިލް ކޯޓުގައި ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ދައުވާކޮށްފައެވެ. ސިވިލް ކޯޓުން އޭރު ކުރި ހުކުމުގައި ބުނެފައި ވަނީ، ސިވިލް ސާވިސް ކޮމިޝަނުން އޭނާ މަގާމުން ވަކި ކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ސާބިތު ނުވާ ކަމަށެވެ. އޭނާ މަގާމުން ވަކި ކުރީ އެކަށީގެންވާ ސަބަބުތައް ހުރެ، އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ހުކުމުގައިވެއެވެ. ސިވިލް ކޯޓުގެ ނިންމުން މުސްއަބުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން, ނިންމާފައިވަނީ މުސްއަބަށް ބަދަލު ދޭން ޖެހޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ