މާލެއާއި އަތޮޅުތެރޭގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް ކުރުމުގައި ތަފާތު ކުރާތީ ގަރާރެއް ހުށަހަޅައިފި

ސްޓެކްލޯ އަދި ފެނަކަ ކޯޕަރޭޝަނުން ކަރަންޓު ޚިދުމަތް ދެމުންދާ ރަށްރަށާއި މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލް ކުރަމުންދާ ރޭޓާއި ބޭންޑް ކުރުމުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފިއެވެ. މިއަދު ގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ގަރާރު ހުށަހަޅުއްވާފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާނެވެ. އެ ގަރާރުގައި ބުނީ ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ އއ، އދ، ވ އަދި ކ އަތޮޅުގެ ރަށްތަކާ އަދި ފެނަކަ ކޯޕަރޭޝަން އިން ހިދުމަތްދޭ ރަށްރަށުގައި ވިޔަފާރިތަކަށް ބިލް ކުރަމުން ގެންދާ ރޭޓްތައް ބޮޑު ކަމަށެވެ. އަދި މާލެއާ ރަށްރަށުގެ ވިޔަފާރިތަކަށް ބިލް ކުރުމުގައި ގެންގުޅޭ ތަފާތު ކުރުންތަކުގެ ސަބަބުން ކުދި ވިޔަފާރި ވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރުތަކާއި، ހޮޓާ، ރެސްޓޯރެންޓް އަދި ލޯކަލް ފިހާރަތައް ހިންގާ ކުދި ވިޔަފާރިވެރިން އެ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ފާޅުކުރަމުންދާ ކަމަށް ގަރާގުގައި ބުނެފައިވެއެވެ. ގަރާރުގައި އިތުރަށް ބުނީ އެ ތަފާތު ކުރުންތަކުގެ ސަބަބުން ފައިދާވާ މިންވަރު ކުޑަ ކަމަށެވެ. އަދި ވިޔަފާރިތައް ހިންގަމުން ދަނީ ގެއްލުމުގައި ކަން ފާހަގަކޮށް އެ ތަފާތު ކުރުން ނައްތާލާ ހަމަހަމަ ކުރުމަށް އެކި ފޯރަމްތަކުގައި ކަންބޮޑުވުން ފާޅު ކުރަމުން ދާ ކަމަށް ވެސް ގަރާރުގައި ވެއެވެ. ސްޓެލްކޯގެ ރޭޓްތަކަށް ބަލާއިރު މާލެ ސަރަހައްދުގައި 0-100 ޔުނިޓާ ހަމައަށް ނަގަނީ 3.30 ރުފިޔާއެވެ. އަދި ރަށްރަށުގައި އެ ޔުނިޓާ ހަމައަށް 3.25 ނަގައެވެ. މާލެ ސަރަހައްދުގައި 101-300 ޔުނިޓާ ހަމައަށް ބަލާއިރު ނަގަމުން އަންނީ 3.35 ރުފިޔާއެވެ. އަދި ރަށްރަށުގައި 101-200 ޔުނިޓާ ހަމައަށް ނަގަނީ 3.75 ރުފިޔާއެވެ. މާލެ ސަރަހައްދުގައި 301-500 ޔުނިޓާ ހަމައަށް ނަގަމުން އަންނަނީ 3.65 ރުފިޔާއެވެ. ނަމަވެސް ރަށްރަށުގައި 201-300 ޔުނިޓާ ހަމައަށް ނަމުން އަންނަނީ 4.75 ރުފިޔާއެވެ. ރަށްރަށުގައި 300 ޔުނިޓަށްވުރެ މަތިން 6 ރުފިޔާ ނަގާއިރު، މާލެ ސަރަހައްދުގައި 501-600 ޔުނިޓަށް 4 ރުފިޔާ ނަަގައެވެ. އަދި 601-3000 ޔުނިޓަށް 4.35 ރުފިޔާ ނަގާއިރު 3001-10000 ޔުނިޓާ ހަމައަށް 5.75 ރުފިޔާ ނަގައެވެ. މީގެ އިތުރުން 10000 ޔުނިޓާ ހަމައަށް މާލޭގައި ނަގަނީ 6.65 ރުފިޔާއެވެ. ގަރާރުގައި ބުނީ އެ ތަފާތު ކުރުންތައް ނައްތާލުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ބޭންޑުތަކާއި ރޭޓުތައް ހަމަހަމަ ކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީން މިހާރު ހަދާފައިވާ ޔޫސޭކް ކޯޓާ އެކީ އުވާލުމަށް ގޮވާލިއެވެ. އަދި ރަށްރަށުގެ ވިޔަފާރިތަކަށް ކަރަންޓު ބިލުން މާލެއާ ހަމަހަމަ ނުކުރެވޭނަމަ ޓެކްސްގެ ލުއި ފަސޭހަ ކަމެއް ދިނުމުން ހައްލެއް ލިބިގެންދާ ކަމަށް ވެސް ގަރާރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ