ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަމް (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ވ. އާރަށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ ގާޒީ ޝަކީލެވެ. އަދި އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިޔަށް ގެންދެވުމަށް ފަހު، ޝަކީލް ވަނީ މިދިޔަ ޑިސެމްބަރު މަހު މައްސަލައިން ތަނާޒުލްވެވަޑައިގެންފަ އެވެ.
ހައިކޯޓަށް ފަނޑިޔާރަކު ބޭނުން ވާތީ، ޖުޑިޝަލް ސާވިސް ކޮމިޝަނުން ހުޅުވާލި ފުރުސަތު ހަމަވީ މިއަދުގެ 12:00 އަށެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް ކުރިމަތިލާފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް ޝަކީލް އައްޔަނުކޮށްފައި ވަނީ 2020 ނޮވެމްބަރުގަ އެވެ. އޭގެ ކުރިން ޝަކީލް ވަނީ ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ.
ޝަކީލް ހައިކޯޓަށް ކުރިމަތިލީކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމާއި އެކު އިދިކޮޅުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މީގެ ކުރިން ގއ. ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރު އަލީ ރަޝީދަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ. އެ މައްސަލައިގައި، އިދިކޮޅުގެ ތަފާތު އެކި ތުހުމަތުތައް ވެސް ސަރުކާރަށް އަމާޒުވި އެވެ.
ހައިކޯޓު ފަނޑިޔާރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ޑިގްރީ އޮތުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.
ހައިކޯޓުގެ ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 54،300 ރުފިޔާ ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ، 36،000 ރުފިޔާ އާއި ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ރިސްކް އެލަވެން 3،300 ރުފިޔާ އެވެ.
މީގެ އިތުރުން ފަނޑިޔާރުންނަށް ލިބޭ މެޑިކަލް އެލަވެންސް ވެސް އޭގެ ތެރޭގައި ހިމެނޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ