އަލަށް ހިންގާ ޝަރީޢަތްތައް ލައިވް ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި

ކްރިމިނަލް ކޯޓުން އަލަށް ހިންގާ ޝަރީޢަތްތައް ލައިވް ނުކުރުމަށް އެކޯޓުން ނިންމައިފިއެވެ.
އެ ކޯޓުން މިގޮތަށް ނިންމިކަން އިޢުލާންކޮށްފައި ވަނީ  މިއަދު ނެރުނު ބަޔާނެއްގައެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވީ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލު އަލުން މުރާޖަޢާކޮށް ޢާންމުކޮށްގެން ނޫނީ އަލަށް ހިންގާ އެއްވެސް ޝަރީޢަތެއް ޓެލެކާސްޓް ނުކުރުމަށް ކަމަށެވެ. އަދި މިހާރު ޓެލެކާސްޓް ކުރަން ފެށިފައިވާ މައްސަލައިގެ ދެފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިޢްތިރާޟް ނުކުރާނަމަ، ޓެލެކާސްޓް ކުރުމަށާއި، ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިޔުމަށްވެސް ނިންމާފައިވާކަމަށް އެ ކޯޓުން ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން އިތުރަށް ވިދާޅުވީ މިހާރު ހެދިފައިވާ އުސޫލު އަލުން މުރާޖައާ ކުރުމަށް ނިންމީ އެ އުސޫލުގެ ދަށުން އެއްވެސް އިސްތިސްނާއެއްނެތި ޝަރީއަތްތައް ޓެލެކާސްޓް ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ ކަމަށާއި، މުޖުތަމައުގެ ތެރޭގައި ފިތުނަ އުފެއްދުމުގެ ޖާގަ ހުޅުވިގެން ދިޔުމާއި އަދުލު އިންސާފާއި މެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދުމުގެ ޖާގަ އޮތް ކަމަށެވެ. އަދި މައްސަލައިގެ ބާވަތުން އެ މައްސަލައާއި ގުޅޭ ޝަރީއަތް ހިނގަމުން ދާއިރު އެ މައްސަލައާއި ގުޅުންހުރި އެހެން ފަރާތްތަކުގެ ތަހުގީގަށާއި ޝަރީއަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނުގައި މިގޮތަށް ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ޔާމީންގެ ޝަރީޢަތްތައް ވަނީ ވަގުތުން ދުރަށް ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ