އަހުލާގު ދަސްކުރުމަށް ރުކުމާ މާފުށީގައި މަޑުކޮށްލުމަށް ނަޝީދު އިޝާރަތްކުރައްވައިފި

އެމްޑީޕީގައި އިހުލާސްތެރިންނާއި އަދާވާތްތެރިން ވަކިނުވާ ކަމަށާއި އެ ޕާޓީ އިން ވަކިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަހުގެ ހަމަލާއެއް ފޮނުއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކ. ގުރައިދޫ ދާއިރާ އަށް ވާދަކުރައްވާ އާދިލް ސަލީމްގެ ކެމްޕެއިން އިވެންޓެއްގައި މާފުއްޓަށް ވަޑައިގެން އިއްޔެ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މާފުށިން ފެންނަނީ އުފާވެރި މަންޒަރެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ އިން ނާކާމިޔާބުވުމުން އެމްޑީޕީ އިން ވަކިވި ރުކުމާ އަށް ބަހުގެ ހަމަލާއެއް ފޮނުއްވައި ނަޝީދު ވިދާޅުވީ ރުކުމާ އިސްލާހުވެ ވަޑައިގަތުމަށް މާފުއްޓަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. "އަޅުގަނޑު ހެންވޭރު ދެކުނު ދާއިރާގެ ބަލިވި ކެންޑިޑޭޓަށް، ރުކުމާ އަހުމަދަށް [މުހައްމަދު އަބްދުލްކަރީމް] އަށް ދަންނަވާލަން ބޭނުން މާފުއްޓަށް ވަޑައިގެން މިތަނުގައި އުޅުއްވަންވީ ނޫންތޯއޭ ދުވަސްކޮޅަކު؟ އަހުލާގު ފަހަރުގައި ލިބިދާނެއޭ." ބަސްނާހާ ކުދިން ކުރިން މާފުއްޓަށް ފޮނުވައި އަހުލާގު ދަސްކޮށްދިނުމަށް ހިންގި ސްކޫލަށް ނިސްބަތްވާ ގޮތަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދުގެ އެ ވާހަކަފުޅަށް ކޮމެންޓް ކުރަައްވާކަށް ރުކުމާ ބޭނުންފުޅެއް ނުވި އެވެ. ރުކުމާ އަށް ފާޑުވިދާޅުވަމުން ނަޝީދު އިތުރަށް ވިދާޅުވީ "ދުނިޔޭގައި ހަމަ އަޅުގަނޑުމެން ލެއްވީތީ އުޅޭކަށް ނުވާނެ ކަމަށާއި ކޮންމެވެސް ކަހަލަ ގޮތެއްވެސް ހުންނަންވާނެ" ކަމަށެވެ. އަދި ވިދާޅުވީ އެ ދާއިރާގެ ޕްރައިމަރީގައި ނާކާމިޔާބުވި އެމްޑީޕީ ކެންޑިޑޭޓު، މާފުށީ އިބްރާހީމް މުސްތަފާ (އިއްބެ) މިހާރު މަސައްކަތް ކުރައްވަނީ އާދިލް ސަލީމުގެ ކޭމްޕްގައި ކަމަށާއި އެއީ ރީތި މިސާލެއް ކަމަށެވެ. "އެމްޑީޕީގެ ބައެއް މެންބަރުންގެ ހިތުގައި އެބަ ޝުއޫރެއް ހިނގާ އެމްޑީޕީގެ ޕްރައިމަރީ އަށް ފަހުގައި،" ޕްރަައިިމަރީގައި ވާދަކުރުމަށް ފަހު ނާކާމިޔާބުވި އެމްޑީޕީގެ މެންބަރުން އިންތިހާބުގައި ވާދަކުރަން ނިންމާފައިވާތީ ނަޝީދު ވިދާޅުވި އެވެ. "އިއްބެ ވެސް އެބަހުންނެވި މިތަނުގައި. މިއަށް ވުރެ މާތް އަހުލާގެއް މިއަށް ވުރެ މާތް ސިފައެއް ނުފެނެޔޭ އިނގޭތޯ މާ ގިނައެއްކޮށެއް. އަޅުގަނޑުމެންނަށް އެހެންވެގެން ތިޔަ ބޭފުޅުންނާ އެކީ މަސައްކަތް ކުރަން ފަސޭހައީ،" ގުރައިދޫ ދާއިރާގެ ޕްރައިމަރީ އިން ނާކާމިޔާބުވި މެންބަރަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ. "އިއްބެ ވެސް ކުރިމަތިލެއްވީ މަސައްކަތެއް ކުރަން. ރައްޔިތުންނަށް ކަމެއް ކޮށްދޭން،" ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބުވި އެއްވެސް ބޭފުޅަކީ ގެއްލިގެންދާނެ މީހެއް ނޫން ކަމަށެވެ. "އަޅުގަނޑުމެންގެ ސަރުކާރު ހިންގަން، މަޝްރޫއުތައް ހިންގުމަށް ވެސް ތިބީ އެބޭފުޅުން،" އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީ އިން ބޮޑެތި ނުފޫޒުތައް ހިންގައި ބައެއް މީހުން ކަޓްވާލި ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ