ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ސިއްރު ހެކީންތަކެއް ހުށަހެޅުމަށް ނިންމާފައެވެ.
މިކަމާ ގުޅިގެން ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށާއި ކީރިތި ގުރުއާނުގައި ވެސް ރަސޫލާގެ ސުންނަތުގައި ވެސް އަދި އެއްވެސް އިމާމެއްގެ ބަސް ފުޅުގައި ވެސް ސިއްރު ހެކި ބަހުގެ ވާހަކައެއް ނެތް ކަމަށެވެ.
އިންތިހާބު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ސާބތިކުރުން ރައީސް ޔާމީންގެ ވަކީލުން ވަނީ ވަނީ 8 ލިޔުމެއް ހުށަހަޅާފައެވެ. އޭގެ އިތުރުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންކުރި ކަމަށް ބުނާ އަނގޮޓީގެ ފޮޓޯއަކާއި އެފަދަ އަނގޮޓިއަކުން ކަރުދާހެއްގައި ފާހަގަ ޖެހުމަށް ތައްޔާރު ވެފައިވާ ފޮޓޯއެއް ވެސް ވަނީ ހުށަހަޅާފައެވެ.
އެ އަނގޮޓިތައް ބޭނުން ކުރި މީހުން އެ ވާހަކަތައް ކިޔައިދޭން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެ ސިއްރު ހެކިވެރިންގެ ނަންތަކެއް ހުށަހެޅުމެއް ވަނީ ނިންމާފައެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު މިއަދުގެ އަޑުއެހުމުގައި އޮތީ އިލެކްޝަންސް ކޮމިޝަނުން މައްސަލައަށް ޖަވާބުދާރީވުމެވެ.
ރައީސް ޔާމީން ހުށަހެޅުއްވި މި މައްސަލައަށް އިދިކޮޅު ސިޔާސީ ލީޑަރުން ވެސް ވަނީ ތަދައްހުލުވެފައެވެ. އެގޮތުން ކުރީގެ ރައީސް މަޢޫމޫނާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން ވަނީ މައްސަލަހައަށް ތަދައްހުލުވެފައެވެ. މި ޕާޓީތަކުގެ ފަރާތުން ސްޕްރީމް ކޯޓަށް ހާޒިރުވެފައިވަނީ ފާރިސް މަޢުމޫނާއި، ޢަލީ ޒާހިރު އަދި ހުސައިން ރަޝީދުގެ އިތުރުން ހަސަން ލަތީފުއެވެ. މި ފަރާތްތަކުގެ ފަރާތުން 6 މެންބަރުންގެ ޤާނޫނީ ޓީމެއް ވަޑައިގެންނެވިއިރު ވަކާލާތު ކުރައްވާފައިވަނީ ހިސާން ހުސައިނެވެ.
މި މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 1030 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ