ކަރޮޕްޝަން ނައްތާލަން ވައުދު ފުއްދުމަކީ ރައީސް ސޯލިހަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް: އަބްދުﷲ ރިޔާޒު

ކަރޮޕްޝަން ނައްތާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެވޭނެ އެއްމެ މުހިއްމު މަސައްކަތަކީ ކަރޮޕްޝަނާއި ދެކޮޅަށް ވެ ވަޑައިގެންނެވި ވައުދު ފުއްދުން ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްފައިވާ ކަރޮޕްޝަންތައް ބައްލަވާނެ ކަމަށް ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދުމަކީ ކަރޮޕްޝަން ނައްތާލުމަށް ސަރުކާރަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒު މި ގޮތަށް ވިދާޅުވީ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ނެރުއްވި ހިތާބަށް ރައްދު ދެއްވައެވެ.
ރައީސް ސޯލިހު ނެރުއްވި ހިތާބުގައި ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު ޖަވާބުދާރީ ކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުން ކަމަށެވެ.
އޭގެ އިތުރުން ކަންކަން ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް ލިޔެވި، އާންމު ކުރެވެން ޖެހޭނެ ކަމަށާއި، ސަރުކާރުގެ މުވައްޒަފުންނާއި، ތަފާތު ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި، އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ ހާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާ މެދު އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެގެން ދާނެ ކަމެއްކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި، ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ،" ރައީސް އޮފީހުން ނެރުނު ހިތާބުގައި، ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކަށް ރައީސް ސާލިހު ވަނީ އިލްތިމާސް ވެސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ