މުހުތާޒާއި ގާޒީ ނިހާނަށް ކުރި ދައުވާތައް ބާތިލުކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރު ކުރި މައްްސަލައިގައި ހައްޔަރު ކުރި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލުކޮށްފިއެވެ.
މުހުތާޒަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ، ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއާއި، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާއެވެ. ގާޒީ ނިހާނަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އިތުރުން، އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.
މުހުތާޒުގެ މައްޗަށް ކުރި ދެ ދައުވާއަކާއި ނިހާންގެ މައްޗަށް ކުރި ތިން ދައުވާއެއް މިއަދު ކްރިމިނަލް ކޯޓުން ބާތިލު ކުރި ނަމަވެސް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، އެ ދެ ބޭފުޅުންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭގެ ތެރެއިން، ނިހާންގެ މައްޗަށް ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ނިންމާލާފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ ކޯޓުން އިއްވި ހުކުމުގައި ވަނީ، މުހުތާޒާއި ނިހާންގެ މައްޗަށް ދައުވާތަކެއް ދައުލަތުން ކުރީ އެއް އަމަލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެ މައްސަލަތަކާ ގުޅިގެން ދެ ބޭފުޅުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީއާއި ގާނޫނުލް އުގޫބާތުގައިވާ ގޮތަށް ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގައި ނުވަތަ އެ ކުށުގެ އަމަލު ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެ ކަން، މިއަދު އިއްވި ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ