ޕީޕީއެމްގެ ހުރިހާ މެންބަރުން ރައީސް މައުމޫނުގެ ފަހަތްޕުޅަށް އަލުން ޖަމާވުމަށް އުމަރު ނަސީރު ގޮވާލައްވައިފި އެވެ.
އުމަރު މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
"ޕީޕީއެމްގެ ހުރިހާ މެންބަރުން ރައީސް މައުމޫނުގެ ފަހަތްޕުޅަށް އަލުން ޖަމާވެ ތެދުވެރި ވެރިކަމެއް މިގައުމަށް ގެނައުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން" އުމަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވެސް އުމަރު މިހާރު ނިންމަވައިފައި ވާއިރު، އޭނާ އަކީ މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރެވެ. މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު، އުމަރު ގެންދަވަނީ ފާޅުގައި ރައީސް ޔާމީންއަށް ފާޑުވިދާޅުވަމުންނެވެ.
އެގޮތުން މިމަހުގެ ކުރީ ކުޅު ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތައް ހުރީ ދެވަނަ ދައުރަކަށް އިންތިހާބު ކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކުރެވިދާނެ ކަމަށްވެސް މިހާރު ގަބޫލުނުކުރެއްވޭ ކަމަށާއި ހިޔާލުތަފާތުވުންތައް "މާދުރަށް" ގޮސްފައިވާ ކަމަށެް ވެސް އުމަރު ވިދޅުވި އެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނާ ޕީޕީއެމްގެ އާންމު މެންބަރުންނާ އޭނާއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް ވެސް އެބައޮތް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ވެސް އެމަނިކުފާނުގެ ގާތްބޭފުޅެއް ކަމަށާއި ރައީސް ޔާމީނާ ދޭތެރޭ ޒާތީ މައްސަލައެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ހުރިހާ މެންބަރުން ރައީސް މައުމޫނުގެ ފަހަތްޕުޅަށް އަލުން ޖަމާވުމަށް އުމަރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ