ކަރަންޓް އުފެއްދުމަށް ތިން މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ލިބޭނެ: ރައީސް

ގުލޯބަލް އެންވަޔަރުމަންޓު ފަންޑުން ރާއްޖޭގެ ކަރަންޓު އުފެއްދުމަށް ޓަކައި ތިން މިލިޔަންޑޮލަރުގެ އެހީއެއް ދިނުމަށް އެއްބަސްވެފައިވާކަމަށް ރައީސުލް ޖުމުހުރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ ސަމިޓް، ރިއޯ+20 ގައި ބައިވެރިވެވަޑައިގަތުމަށް، ފަހުރާއްޖެ ވަޑައިގެން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނުސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ގުލޯބަލް އެންވަޔަރުމަންޓު ފަންޑުން ރާއްޖޭގެ ކަރަންޓްގެ ހިދުމަތް ފުޅާކުރުމަށް ތިން މިލިޔަންޑޮލަރުގެ އެހީއެއް ދިނުމަށް އެއްބަސްވުމުގެ އިތުރުން ވޯލްޑު ބޭންކުގެ އެހީގައި ރާއްޖޭގައި އިތުރު ދެމަޝްރޫއެއް ހިންގުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. އޭގެ ތެރެއިން އެއްމަޝްރޫއަކީ ކަނޑުތަކާއި ގުޅޭޕްރޮޖެކްޓަކާއި ގުދުރަތީ މުއްސަނދިކަން ދެނެގަތުމުގެ މަޝްރޫއެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ގުލޯބަލް އެންވަޔަރުމަންޓު ފަނޑުން ކަރަންޓު ތަރައްގީކުރުމަށް ލިބުނު ފައިސާ ވަރަށް އަވަހަށް ލިބިގެން ދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން. އަދި ވޯލްޑުބޭންކުގެ އިތުރު ދެ މަޝްރޫއުއެއް ގައި ރާއްޖެ ބައިވެރިވުމުގެ ފުރުސަތު ތައް ހުޅުވިގެން ހިގައްޖެ. އެއީ ކަނޑުތަކާއި ބެހޭ ބޮޑު ޕްރޮޖެކުޓަކާއި ރާއްޖޭގެ ގުދުރަތީ މުއްސަދިކަން ޑޮކިއުމެންޓުކޮށް ރާއްޖޭގެ ނެޗުރަލް އެސެޓްތަކަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ބޭނުންވާ ފުރުސަތު ހުލުވިގެން ދިޔަ،" ރައީސް ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ތަރައްޤީއާބެހޭ އެ ސަމިޓްގެ ހަވާސާގައި ރާއްޖޭގެ ދެނެހެއްޓެނިވި ޓޫރިޒަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުރިއަށް ގެންދެވިކަމަށާއި އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޖަލްސާއިން ރާއްޖެ ޓޫރިޒަމްގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް ދުނިޔެއިން ބަލައިގެންނަކަމުގެ ހެކިފެނިގެން ދިޔަ ކަމަށެވެ.
ރިއޯ ސަމިޓްގެ ނިންމުންތަކުން ކުދި ޤައުމުތަކަށް ޚާއްޞަ އަހަންމިއްޔަތެއް ލިބިގެންދިޔަ ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސަމިޓްގެ ނިންމުންތަކުގައި ތަރައްޤީވެފައިވާ ޤައުމުތަކުން އެ ޤައުމުތަކުގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ވަރަށް ސާފުކޮށް އަލިއަޅުވާލާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށްވާ، ކަނޑުތަކުގެ ޙިމާޔަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މި ސަމިޓްގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާކަމަށް ވިދާޅުވި އެވެ.
"އިޤްތިޞާދީ ރޮނގުންނާއި، އިޖްތިމާޢީ ރޮނގުންނާއި، ތިމާވެށީގެ ރޮނގުން މި ތިންބައި ގުޅުވާލައިގެން، ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް މި ސަމިޓްގައި ވާހަކަ ދެކެވި އަދި ކުދި ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ ކޮންފަރެންސެއް 2014 ވަނަ އަހަރު ބޭއްވެވުމަށް މި ސަމިޓުން ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކެއް ކަނޑައެޅިގެންދާނެ ކަމަށާއި ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްތައް ޙާޞިލް ކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
ރިއޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރެއްވި ދަތުރުފުޅުގައި، ވަރަށްގިނަ ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވި ކަމަށާއި، ރާއްޖޭގެ ޙާލަތު މިހާރު އޮތްގޮތާ ބެހޭގޮތުން އެބޭފުޅުން މަޢުލޫމާތު ހޯއްދެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ