މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރަން އުމަރު ޖޭޕީން ވަކިވެއްޖެ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއް ގޮތުގައި ވާދަކުރަން ނިންމައި، ދާދި ފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެޕާޓީން ވަކިވެއްޖެއެވެ. އުމަރު ޖޭޕީއަށް ސޮއިކުރީ މިދިއަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. ޖޭޕީން ވަކިވިކަން އުމަރި ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި ސަބަބެއް ކަމަށް ވިދާޅުވީ މިނިވަން ކެންޑިޑޭޓެއް ގޮތަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމެވެ. އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ފުއްދައިދޭނެ ކަންކަމާ ގުޅޭ މެނިފެސްޓޯއެއް ވެސް ފޭސްބުކްގައި ވީޑިއޯގެ ޒަރިއްޔާއިން އިއްޔެ އާންމުކޮށްފައެވެ. އެންމެ ބޮޑު ވައުދެއް ގޮތަށް އުމަރު ވެވަޑައިގަތީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަހަރަކު ތިން ބިލިއަން ރުފިޔާ ހަރަދުކުރުމެވެ. https://sun.mv/98359 މީގެ ފަސް މަސް ކުރިން އުމަރު ޖޭޕީއަށް ސޮއިކުރެއްވި ދުވަހު އިއްވެވި ބަޔާނުގައި ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އޭނާ ގުޅިވަޑައިގަތީ ޕާޓީ މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުމުގައި ކަމަށެވެ. އުމަރު ޖޭޕީން ވަކިވި މިއީ ދެވަނަ ފަހަރެވެ. އުމަރަށް ޕީޕިއެމްގެ ރިޔާސީ ޓިކެޓު 2013 ވަނަ އަހަރު ލިބިވަޑައިނުގަތުމުން ގުޅިވަޑައިގަތީ ޖޭޕީއާއެވެ. އަދި އެޕާޓީގެ ސްލޮޓެއްގައި އުމަރު މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވިއެވެ. ހޯމް މިނިސްޓަރު ކަމުން އުމަރު އިސްތިއުފާ ދެއްވީ ޕީޕިއެމްގައި އުފެދުނު "ކޯޅިގަނޑު"ގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ