އުއްތަމަ ފަނޑިޔާރަށް އިންސާފު ނުލިބުނީމާ ދެން އިންސާފު ލިބޭނެ މީހަކު ނުހުންނާނެ: އަލީ ހުސައިން

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސައީދަށް އިންސާފު ނުލިބުނީމާ މިއަދުދެން އިންސާފު ލިބޭނެ މީހަކު ނުހުންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމުން ފެށިގެން ޙުކުމް ކުރުމާއި ހަމައަށް ޝަރިއަތުގެ ހުރިހާކަމެއްވެސް ހިނގާދިޔައީ ޤާނޫނުތަކާއި ޚިލާފަށް ކަމަށެވެ. އަދި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެމަނކިުފާނުގެ މައްޗަށް އުފުލި އިރު އެއީ ކުރެވޭނެ ދައުވާއެއްވެސް ނޫންކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސަޢީދު 4 މަހާއި 24 ދުވަހަށް ޖަލަށްލާން ޙުކުމް ކުރުމަކީ ނުުހަނު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"މިއީ މިކަމާއި މެދު ކަންބޮޑުވާން ޖެހޭ ކަމެއް. ހަގީގަތުގައި މިޤައުމުގެ އުއްތަމަ ފަނޑިޔާރަށް އިންސާފު ނުލިބުނީމަ، އަޅުގަނޑުމެން މިޤައުމުގައި ދެން އިތުރަށް އިންސާފު ލިބޭނެ މީހަކު ނުހުންނާނެ" ޢަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ، ދިވެހި ދައުލަތް ހިމާޔަތް ކުރުމަކީ ފުލުހުންނާއި ސިފައިން ކޮށްފައިވާ ހުވާގެ ދަށުން އެބޭފުޅުންނަށް އެއިން ރެކި ނުގަނެވޭނެ ޒިންމާއެއް ކަމަށެވެ. އަދި އެކަމުގައި ދެއްކޭނެ އުޒުރެއް ނޯންނާނެކަމަށާއި މިއަނިޔާވެރިކަމަށް ވާގި ދީގެން ތިބިފަރާތްތަކަށްވެސް އަނިޔާ އާއި ކުރިމަތިލާންޖެހޭ ދުވަސް އަންނާނެ ކަމަށެވެ.
ޢަލީ ހުސައިން ވިދާޅުވީ، ދިވެހި ތާރީޚުދުށް ހަދި ހަސަން ރަސްގެފާނުގެ އަނިޔާވެރި ޒަމާނަށް ވުރެ ޤައުމުގެ މިއަދުގެ ހާލަތު ނުބައިވެއްޖެ ކަމަށެވެ.
މީލާދީން 15 ވަނަ ގަރުނުގައި ރަސްކަން ކުރެއްވި ހަދި ހަސަން ރަސްގެފާނުވެސް އެރަސްގެފާނު ހިތްޕުޅާ ހަމަނުވާ ގޮތަށް ފަނޑިޔާރު ކަންތައް ކުރެއްވުމުން ފަނޑިޔާރުކަލޭގެ ފާނު ދިރިހުއްޓައި އަންދާލެއްވީއެވެ.
އަލީ ހުސައިން ވިދާޅުވީ ފެންނަމުން މިދަނީ ރައީސް ޔާމީނުގެ އަނިޔާވެރިކަން ކަމަށާއި އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓެވުމަށާއި ހިންގެވި ޤާނޫނާއި ޚިލާފު އަމަލުތައް ފޮރުއްވެވުމަށް ކުރައްވާ މަސައްކަތް ކަމަށެެވެ. މިގޮތުން މިހިންގޭ ޝަރީއަތްތަކަކީ ރައީސް ޔާމީނު ބޭނުންވާ ގޮތަށް ހިންގާ ކަންކަން އެމަނިކުފާނު ދައްކަވާ ވާކަކަފުޅުތަކުންވެސް އެނގޭ ކަމަށެވެ.
"ހަމަސިދާ ރައީސް އަބުﷲ ޔާމީނުގެ މަސްލަހަތު އޮތްކަން އެބަ އިނގޭ! ޖަލުގައި ތިއްބެވި ބޭފުޅުން ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސަޢީދާއި މިބޭބޭފުޅުން ދޫނުކުރެވޭނެ ކަމަށް އެބަ ވިދާޅުވޭ! އެހެން ވީމާ އެބަ އެނގޭ ހިފަހައްޓަނީ ކާކުކަން" ޢަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ އެބޭފުން ޖަލުގައި ބަންދު ކުރައްވައިގެން ގެންގުޅުއްވަނީ ސީދާ ރައީސް ޔާމީނު ކަމަށާއި އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކޮންމެ ގެއްލުމެއްގެ ޒިންމާ އެމަނިކުފާނު އުފުއްލަވަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނަށް އުއްމީދެއް ނުގެއްލޭ ކަމަށާއި ރައީސް ޔާމީނު ބަލި ކުރައްވާނެ ކަމަށެވެ. އަދި މިއަދު ރައީސް ޔާމީނަށް ވާގިވެރިވެ މިއަނިޔާ ދަމަހައްޓާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ