ކަރަންޓު ކެނޑުނު ސަރަހައްދަށް ކަރަންޓު ދީފި
މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލުމުގެ ސަބަބުން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދީފި އެވެ. ސްޓެލްކޯ އިން މިއަދު ބުނީ ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް މިއަދު 10:00ގައި ކަރަންޓު ދީފައިވާ ކަމަށެވެ. ނަމަވެސް ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މަރާމާތުގެ މަސައްކަތް އަދި ވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯ އިން ބުނީ ސަބްސްޓޭޝަން މަރާމާތު ކުރަމުންދާއިރު، ސްވިޗިން ކުރުމަށް ހަމަޖެހިފައިވާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. ރޯކޮށްލާފައި ވަނީ ފާށަނާކިލެގެ މަގުގައި (ބާ އިންޖީނުގެ ހުރި މަގުގައި) ހުރި ސަބް ސްޓޭޝަން 50 ގައެވެ. ސްޓެކްލޯގެ މީޑިއާ އޮފިޝަލު ސަން އަށް ވިދާޅުވީ ރޯކޮށްލި ޑިސްޓްރިބިއުޝަން ފޮއްޓަކީ ހަތް ގެއަކަށް ކަރަންޓު ދިނުމަށް ބޭނުންކުރި ފޮއްޓެއް ކަމަށެވެ. އެ ފޮށިން ގާތްގަނޑަކަށް 60 މީޓަރަށް ކަރަންޓު ފޯރުކޮށްދޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ