އެކައުންޓިން ދާއިރާގެ ކޯސްތަކެއް ގައުމީ ޔުނިވާސިޓީން ހިލޭ ހިންގަނީ، ދިރިއުޅުމުގެ ޚަރަދަށް 5000 ރުފިޔާ ލިބޭނެ

އެއްވެސް ފީ އަކާ ނުލާ، އެކައުންޓިން އާއި ފިނޭންސްގެ ދާއިރާގެ ކޯސްތަކެއް ހިންގަން ގައުމީ ޔުނިވަސިޓީން ނިންމައިފިއެވެ. ގައުމީ ޔުނިވާސިޓީން ބުނީ މިއީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނީޝަންސް (އޭއޭޓީ)އާ ގުޅިގެން ހިންގާ ކޯސްތަކެއް ކަމަށެވެ. މިފަދަ ކޯސްތަކެއް ހިންގަން ނިންމީ ދިވެހި މަސައްކަތްތެރިންގެ ހުނަރު ކުރިއެރުވުމަށް ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ. އެކައުންޓިން ދާއިރާއަކީ ދިވެހީން ވަރަށް މަދު ދާއިރާއެކެވެ. އެހެންވެ ސަރުކާރުން ނިންމާފައި ވަނީ މި ދާއިރާއަށް އިސްކަންދީގެން މީހުން ތަމްރީނުކުރުމަށެވެ. އެ ކޯސްތައް ފުރިހަމަކުރުމަކީ ޒުވާނުންނަށް ވަޒީފާ ލިބުމަށް ފަސޭހަ މަގަކަށް ވާނެ ކަމަށް ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. "އާމްދަނީ ރަނގަޅު މަސައްކަތެއް އެކައުންޓިން ދާއިރާގައި މަސައްކަތް ކުރުމަކީ. އަޅުގަނޑު ވަރަށް އުންމީދުކުރަން ގިނަ ދަރިވަރުން މިކަމުގައި ބައިވެރިވާނެ ކަމަށް،" ޑރ. ޝަރީފް ވިދާޅުވިއެވެ. ގައުމީ ސަނަދުގެ އޮނިގަނޑުން ބަލާއިރު މިއީ ލެވެލް ހަތަރެއްގެ ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމްތަކެކެވެ. އެއީ އޭއޭޓީގެ ސެޓްފިކެޓް ތިނެއް އަދި ހަތަރެކެވެ. ގްރޭޑް 10 ނިންމާފައިވާ ނަމަ ނުވަތަ ދާއިރާއާ ގުޅޭ ތަޖުރިބާ ހުރި ކޮންމެ މީހަކަށް ބައިވެރިވެވޭ މި ކޯސްތަކަކީ އަށް މަސް ދުވަހުގެ ކޯސްތަކެކެވެ. އެ ކޯހަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ކޯހުގެ ކިޔެވުން ފަށާނީ މި މަހުގެ 29ގައިއެވެ. މި ކޯހުގައި ކިޔަވާ ދަރިވަރުންގެ ފައިސާ ހަމަޖައްސަނީ އިކޮނޮމިކް މިނިސްޓްރީންނެވެ. އޭގެތެރޭގައި ޓިއުޝަންފީ ވެސް ހިމެނެއެވެ. ޓިއުޝަންފީގެ އިތުރުން ބައިވެރިވާ ކޮންމެ ދަރިވަރަކަށް ދިރިއުޅުމުގެ ޚަރަދުގެ ގޮތުގައި 5،000 ރުފިޔާގެ އެލެވަންސެއް ކޮންމެ މަހަކު ލިބޭނެ ކަމަށް ވެސް ވައިސް ޗާންސެލަރު ވިދާޅުވިއެވެ. "ދަރިވަރުންގެ އަތުން އެއްވެސް ޚަރަދެއް ނުހިނގާނެ. މި ކޯހުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ އިކޮނޮމިކް މިނިސްޓްރީން،" ޑރ. ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ