އަޅުގަނޑުމެން ޕާޓީން 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ: އަބްދުﷲ ކަމާލުއްދީން

އަލަށް ވުޖޫދުވާ ޤައުމީ އެއްބައިވަންތަ ކަމުގެ ޕާޓީން 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިންނަވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ކަމާލުއްދީން މިފަދައިން ވިދާޅުވީ ރޭ "ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިން ދެއްކެވި ވާހަކައިގައެވެ.
އޭނާ ވިދާޅުވީ އެ ޕާޓީން ހުރިހާ އިންތިޚާބެއްގައިވެސް ވާދަކުރައްވާނެ ކަމަށާއި ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބަށްވެސް ކެނޑިޑޭޓުން ނުކުންނަވާނެ ކަމަށެވެ.
މީގެ އިތުރުން ކަމާލުއްދީން ވިދާޅުވީ އެ ޕާޓީގެ ސިޔާސަތުތައް ހާމަވުމުން ހުރިހާ އުމުރެއް ހުރިހާ ޖިންސެއްގެ ބޭފުޅުންވެސް އެ ޕާޓީއާއި ގުޅިވަޑައިންނަވާނެ ކަމަށެވެ. އަދި އެހުރިހާ ބޭފުޅުންނަށްވެސް ސިޔާސީ ހަޔާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީން 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި ނަމަވެސް އަދި ވަކި ކެނޑިޑޭޓަކު ހަމަޖެހިފައި ނުވާކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކެނޑިޑޭޓަކު ކަނޑައަޅަން އަދި މާ އަވަސް ކަމަށެވެ.އަދި ޕާޓީ ވުޖޫދު ނުވަނީސް ކެނޑިޑޭޓަކު ނިންމައިފިނަމަ އެހިސާބުން ފުރުސަތުތައް ހުއްޓޭނެ ކަމަށްވެސް ކަމާލުއްދީން ވިދާޅުވިއެވެ.
އަދި ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީއަކީ ޖުމްހޫރީ ޕާޓީގެ ތެރެއިން އުފެދޭ ޕާޓީކަމަށް ދެކެވޭ ވާހަކަ އަބްދުﷲ ކަމާލުއްދީން ވަނީ ދޮގުކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެއީ ތެދެއްނޫން ކަމަށާއި ޖޭޕީ އިން އުފައްދަނީ ވަކި ޕާޓީއެއްކަމަށެވެ.
އަބްދުﷲ ކަމާލުއްދީނަކީ ރައީސް މައުމޫނުގެ ސަރުކާރުގެ ގިނަ މަޤާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ކަމާލުއްދީން ވަނީ ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމް ގައި ވެސް މަސައްކަތްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ