ރެއާލް މެޑްރިޑްގައި 2018 ވަނަ އަހަރާ ހަމައަށް ހުންނާނެ ކަމަށް، އެ ކްލަބުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ރޮނާލްޑޯ ރެއާލްއާއެކީ ހަދާފައިވާ ކޮންޓްރެކްޓް 2018 ވަނަ އަހަރު ހަމަވާއިރު، މި ސީޒަނަށްފަހު ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. އަދި މީގެކުރިން ރޮނާލްޑޯ ވަނީ އެމެރިކާ ލީގުގައި ކުޅުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައެވެ.
ނަމަވެސް ޕޯޗުގަލްއަށް އުފަން ރޮނާލްޑޯ ބުނީ، ރެއާލްއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އެބައޮތް ކަމަށާއި، އެ މުއްދަތާ ހަމައަށް އެ ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. އަދި އެއަށްފަހު ކުރިމަގާ މެދު ވާނެގޮތެއް ބަލަން މަޑުކުރުމަށް ރޮނާލްޑޯ ވަނީ އެދިފައެވެ.
"މިވަގުތު އަހަރެން އެންމެ އިސްކަމެއް ދޭންޖެހެނީ ރެއާލްއާއެކި ތަށިތަށް ހޯދައި، އަނެއްކާވެސް ޗެމްޕިއަންސް ލީގެއް ކާމިޔާބުކުރުމަށް" ރޮނާލްޑޯ ބުންޏެވެ.
ދުނިޔޭގައި އޮތް އޭނާއަށް އެންމެ ބަރާބަރު ލީގަކީ ސްޕެނިޝް ލީގު ކަމަށާއި، އަދި ރެއާލްއަށް ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށްވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ.
މި ސީޒަނުގައި ވެސް ރަނގަޅު ކުޅުމެއް ރޮނާލްޑޯ ދައްކަމުން އަންނައިރު، އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ރެއާލްއަށް ކުޅެދިން 29 މެޗުގައި 30 ގޯލް ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯ ރެއާލްއާ ގުޅުނީ، 2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުންނެވެ.
2018 އާ ހަމައަށް ރެއާލްގައި ހުންނާނަން - ރޮނާލްޑޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ