17 ވަނަ މަޖިލީހަށް ހުށަހެޅި 266 ބިލްގެ ތެރެއިން 115 ބިލެއް ވަނީ ފާސްކޮށްފައި: ޝާހިދު

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މިއަދު އަލްވާދާއު ކިޔާ އިރު އެ މަޖިލީހަށް 266 ބިލެއް ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން 115 ބިލެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ "ވަދާއީ" ޖަލްސާގައި ޝާހިދު ވިދާޅުވީ މި ދައުރުގެ ތެރޭގައި މަޖލީހަށް ހުށަހެޅުނު ބިލްތަކުގެ ތެރެއިން 31 ބިލެއް ބަލައި ނުގަތުމަށް ނިންމާފައިވާ އިރު ފާސްނުކޮށް ބާތިލު ކުރުމަށް ނިންމި 14 ބިލެއްވާ ކަމަށެވެ. ހަމަ އެހެންމެ މަޖިލީހަށް ހުށަހެޅުމަށް ފަހު އަނބުރާ ގެންދަވާފައިވާ 36 ބިލެއްވާ އިރު ފުރަތަމަ ކިޔުން އިއްވާފައިވާ ފަސް ބިލެއް މިހާރު ވެސް މަޖިލީހުގައި އޮތްކަން ވަނީ ފާހަގަކޮށްފަ އެވެ. ޝާހިދު ވިދާޅުވީ އެ ފަސް ބިލްގެ މަސައްކަތް ނުނިމި ވަނީ އެކަށީގެންވާ ވަގުތު ނެތުމުން ކަމަށެވެ.
މި ދައުރުގެ ތެރޭގައި ފާސްކުރި މުހިންމު ބިލްތަކުގެ ތެރޭގައި ގާނޫނުލް އުގޫބާތުގެ ބިލާއި ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ބިލާއި މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ބިލުގެ އިތުރުން އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ބިލު ހިމެނެ އެވެ. އަދި އެހެންމެ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލާއި ޓެކްސްތަކާ ބެހޭ ބިލާއި މަސްތުވާތަކެއްޗާ ގުޅޭ ބިލުތަކާއި ބިރުދެއްކުމާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރާ ބިލްގެ އިތުރުން މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލާއި މަނީލޯންޑްރިން އަދި ޓެޓަރިޒަމް ފައިނޭސްކުރުން ހުއްޓުވުމުގެ ބިލުގެ އިތުރުން ވިޔަފާރީގެ ދާއިރާއާ ގުޅުންހުރި ބިލްތައް ހިމެނެ އެވެ.
މި ދައުރުގެ ތެރޭގައި 328 މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 94 ޕަސެންޓް މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމާފައިވާ ކަން ވެސް ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި މަޖިލީހުން ފާސްކުރި 223 މައްސަލައަކާއި މަޖިލީހަށް ބަލައިގަނެ ބަހުސްކޮށްފައިވާ 52 މައްސަލައެއްވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން 41 ގާރާރެއް މި ދައުރުގައި މަޖިލީހަށް ހުށަހެޅުނުއިރު އޭގެ ތެރެއިން 80 ޕަސެންޓް ގަރާމެދު މަޖިލީހުން ގޮތެއް ނިންމާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ނުވަ ގަރާރެއް މަޖިލީހުން ފާސްކޮށްފައިވާ އިރު 13 ގަރާރެއް އަނބުރާ ގެންދަވާފައިވެ އެވެ. މަޖިލީހުން ބަލައިނުގަތުމަށް އަށް ގާރާރެއް ފާސްކުރި އިރު ބަލައިނުގަތުމަށް ނިންމި ތިން ގަރާރެއް ވެސް ހިމެނެ އެވެ.
މި ދައުރުގައި މަޖިލީހުގެ މެންބަރުން ކުރެއްވި މަސައްކަތްޕުޅުތަކަށް ޝާހިދު ވަނީ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"މި ނަތީޖާ ނެރެދެއްވުމަށް މަޖިލީހުގެ މެންބަރުން ކޮށްދެއްވި ގިނަ ގުނަ މަސައްކަތްޕުޅުތަކަށް އަޅުގަނޑު އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން." ޝާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ